24 Nov 2014, 10:11
ހުޅުމާލޭގައި ފުލެޓާއި ރޯ ހައުސް ތަރައްގީ ކުރުމަށްޓަކައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަމިއްލަ ހަތަރު ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެޗްޑީސީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލެޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފއި ވަނީ އަމީން ކޮންސްޓްރަކްޝަނާއި އަމީން ބިލްޑްވެއާއާ އެކު އެވެ. އަދި ރޯ ހައުސް އިމާރާތްކޮށް ވިއްކުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރެއިންބޯ އާއި ވިޒްކޯއާ އެކު އެވެ.
އަމީން ބިލްޑްވެއާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އިޒުއާން އެވެ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ. އަދި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަފީގު އަދި ވިޒްކޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ހުސައިން ވަނީ މިއެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލް އެވެ.
އެޗްޑީސީން ބުނީ، ފްލެޓާއި ރޯހައުސް އެޅުމަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ މަޝްރޫއުގެ މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށެވެ.
އެޗްޑީސީގެ މީޑިއާ ކޯޑިނޭޓަރު 'ސަން'އަށް ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރި ވިޒްކޯއާއި ރެއިންބޯއިން ކޮންމެ ކުންފުންޏަކުން 20 ރޯ ހައުސް އަޅާނެ ކަމަށެވެ. އެހެން ކަމުން މުޅި ޖުމުލަ 40 ރޯ ހައުސް އެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމީންއާ ހަވާލުކުރި ފުލެޓްތަކުގެ އަދަދު 130އާއި 140 އާ ދެމެދުގައި އުޅޭ ކަމަށެވެ.
"އަންދާޒާކޮށްލާފައި ބުނާނަމަ ކޮންމެ އިމާރާތެއްގައި 65 ނުވަތަ 70 ފުލެޓް އެޅިގެންދާނެ. ދެން އެހެންވީމަ އެއީ މުޅި ޖުމުލަ 130 އާއި 140 ފުލެޓް މި ދެ އިމާރާތުގައި ހުންނާނެ " މީޑިއާ ކޯޑިނޭޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޯ ހައުސްއާއި ފުލެޓްތައް ވިއްކުމުގައި ވަކި މިންގަނޑުތަކެއް ހުންނާނެ ކަމަށާއި އެގޮތުން ރޯހައުސްއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 4.2 މިލިއަން ރުފިޔާއަށް ކަމަށާއި ފުލެޓެއް އެންމެ ބޮޑުކޮށް ވިއްކޭނީ 2.1 މިލިއަން ރުފިޔާ އަށް ކަމަށެވެ.