ލަންޑަން (ނޮވެމްބަރު 24): އިނގިރޭސިވިލާތުގެ އާންމު ތަންތަނުގައި ޓެރަރިސްޓް ޙަމަލާތައް ދިނުމަށް މިއަހަރު ތެރޭގައި ފަސް ރޭވުމެއް ރާވާފައިވާ ކަމަށާއި ނަމަވެސް އެ ހުރިހާ ރޭވުންތަކެއްވެސް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ސްކޮޓްލެންޑްޔާޑް ގެ ކޮމިޝަނަރު ބާނާޑް ހޯގާން ވިދާޅުވީ، އިނގިރޭސިވިލާތުގެ އާންމު ތަންތަނުގައި ޓެރަރިސްޓް ޙަމަލާތައް ދިނުމަށް ރާވާފައިވާ ފަސް ރޭވުމެއް މިއަހަރު ތެރޭގައި ނާކާމިޔާބު ކޮށްލާފައިވާނެ ކަމަށާއި މި ޙަމަލާތައް ނާކާމިޔާބުކޮށްލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އިނގިރޭސި ޖާސޫސީ އިދާރާއާއި ފުލުހުންގެ ޖާސޫސީ ޑިޕާޓްމަންޓް ގުޅިގެން ކަމުގަ އެވެ.

ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ބާނާޑް ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން އިނގިރޭސިވިލާތަށް އަމާޒުކޮށް ޓެރަރިސްޓުން ރާވަމުން ގެންގޮސްފައިވަނީ އަހަރަކު އެންމެ ޙަމަލާއެއް ކަމަށްވިޔަސް ފާއިތުވި ހަތަރުވަރަކަށް އަހަރުން ފެށިގެން މިފަދަ ރޭވުންތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމުގަ އެވެ.

އިނގިރޭސިވިލާތަށް ކުރިމަތިވަމުން އަންނަ ޓެރަރިޒަމްގެ ނުރައްކާ އިތުރުވަމުންދާއިރު މިކަމާ ކުރިމަތިލުމަށްޓަކައި އިނގިރޭސި ޖާސޫސީ އިދާރާއާއި ސަލާމަތީ ބާރުތަކުގެ ސްޓްރެޓެޖީތައްވެސް ބަދަލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާނާޑް ވިދާޅުވީ، އިނގިރޭސިވިލާތަށް އަމާޒުކޮށްގެން ރާވާ ޓެރަރިސްޓް ޙަރަކާތްތަކަކީ އިރާގާއި ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާ ގުޅިފައިވާ ހަރަކާތްތަކެއް ކަމުގަ އެވެ. އިރާގާއި ސޫރިޔާގައި ހަނގުރާމަ ކުރަމުންގެންދާ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތާ ގުޅުމަށްޓަކައި އިނިގިރޭސި ރައްޔިތުންގެ ތެރެއިން 500 މީހުން އިނގިރޭސިވިލާތުން ފުރައިގެން ގޮސްފައިވާ ކަމަށާއި މީގެތެރެއިން 27 މީހުން މަރުވެފައިވާ ކަމަށް އިނގިރޭސި ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ.

އިނގިރޭސި ޕާލަމެންޓްގެ މެންބަރެއް ކަމަށްވާ ޚާލިދު މަޙްމޫދު ވިދާޅުވީ، އިނގިރޭސި ރައްޔިތުންގެ ތެރެއިން ދެހާހެއްހާ މީހުން އައިއެސްގެ ސަފުތަކާ ގުޅިގެން ހަނގުރާމަ ކުރަމުންގެންދާ ކަމަށް ބެލެވިފައިވާ ކަމުގަ އެވެ. އަނެއްކޮޅުން އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރު ޓެރޭޒާ މާއި ވިދާޅުވީ، އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ ވަރަށް ބޮޑުކަމަށާއި އެކަމުން ރައްކާތެރިވުމުގެ ގޮތުން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުން ތަކެއްގައި 6000 ފަރާތަކާއެކު ސޮއިކޮށްފައިވާނެ ކަމުގަ އެވެ.

އިނގިރޭސި ފުލުހުންނާއެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ސްކޫލްތަކާއި ޔުނިވާސިޓީތަކާއި އެއާޕޯޓްތަކާއި ވިޔަފާރީގެ މަރުކަޒުތަކާއި ސިނަމާތަކުގެ އިތުރުން ދަނޑުތަކާއި ފެކްޓްރީތަކާއި ކުންފުނިތައްވެސް ހިމެނޭކަމަށް އިނގިރޭސި ދާޚިލީ ވަޒީރު ވިދާޅުވި އެވެ.

އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ ކުރިމަތިވަނީ އިރާގާއި އަފްޣާނިސްތާނާއި ސީރިޔާފަދަ އިސްލާމީ ގައުމުތަކުގައި އިނގިރޭސި ސިފައިން ހިންގާފައިވާ ހަރުކަށި އަމަލުތަކުގެ ސަބަބުންނާއި އަދި އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ދޭ ވައިގެ ޙަމަލާތަކުގައި އިނގިރޭސިވިލާތުން މުހިއްމު ދައުރެއް އަދާކުރާތީ ކަމަށް ވަނީ ބެލެވިފަ އެވެ.

އިރާގާއި އަފްޣާނިސްތާނުގެ އާންމުންނާ ދެކޮޅަށް އިނގިރޭސި ސިފައިން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ އެތަށް ހެކިތަކެއް ހާމަވެފައިވާއިރު އިނގިރޭސިވިލާތާ ދެކޮޅަށް ދޭން މަސައްކަތްކުރާ ޙަމަލާތަކަކީ އިނގިރޭސީންގެ މިއަމަލުތަކާ ދެކޮޅަށް ބަދަލު ހިފުމުގެ ގޮތުން ދޭ ޙަމަލާތަކެއްކަމަށްވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)