ކާބުލް (ނޮވެމްބަރު 24): އަފްޣާނިސްތާނުގެ ބެކްޓިޔާ ސްޓޭޓްގައި ކުރިޔަށްދިޔަ ވޮލީބޯޅަ މުބާރާތެއް ބަލަން ތިބި އެތަށް ސަތޭކަ ބަޔަކަށް އަމާޒުކޮށްގެން އިއްޔެ ދިން ބޮމުގެ ޙަމަލާގައި މަރުވި މީހުންގެ އަދަދު 55 އަށް އަރައިފި އެވެ.

ބެކްޓިޔާ ސްޓޭޓްގެ ގަވަރުނަރުގެ ތަރްޖަމާން ވިދާޅުވީ، މިއީ މީހަކު އަމިއްލައަށް މަރުވެގެންދިން ޓެރަރިސްޓް ޙަމަލާއެއް ކަމަށާއި މި ޙަމަލާގެ ބޭނުމަކީ އެ މުބާރާތް ބަލަންތިބި މީހުންގެ ތެރެއިން ވީހާވެސް ގިނަބައެއްގެ ފުރާނަ ދުއްވާލުންކަމުގަ އެވެ.

މި ޙަމަލާ ދީފައިވަނީ މުބާރާތް ބަލަން އެއްވެފައިތިބި މީހުންގެ ތެރެއަށް ހަށިގަނޑުގައި ގޮވާތަކެތީގެ ކަމަރެއް ބަނދެގެން ހުރިމީހަކު ކުއްލި ގޮތަކަށްވަދެ އޭނާގެ ހަށިގަނޑު ގޮއްވާލައިގެން ކަމަށް އަފްޣާން ސަލާމަތީ ބާރުތަކުން ބުނެ އެވެ.

ބެކްޓިޔާ ސްޓޭޓްގައި ކުރިޔަށްދިޔަ ވޮލީބޯޅަ މުބާރާތެއް ބަލަން އެއްވެ ތިބިމީހުންގެ ތެރޭގައި ގިނަ އަދެއްގެ އާންމުގެ އިތުރުން ފުލުހުންވެސް ހިމެނޭކަމަށް ވެ އެވެ. މިޙަމަލާގައި މަރުވި މީހުންގެ އަދަދު 55 އަށް އަރާފައިވާއިރު ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 70 އަށްވުރެ މަތީގަ އެވެ. ޒަޚަމްވި މީހުންގެ ތެރެއިން އެތަށްބަޔަކު ފުރާނައަށް ނުރައްކާވާ ޙާލަތުގައިވާތީ މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އަފްޣާން ސިއްޙަތާބެހޭ މަސްއޫލުވެރިއަކު ވިދާޅުވި އެވެ.

މިޙަމަލާގެ ފަހަތުގައިވަނީ މިބާވަތުގެ ޓެރަރިސްޓް ޙަމަލާތައް ދިނުމުގައި އަފްޣާނިސްތާނުގައި އިސްކޮށް ޙަރަކާތްތެރިވާ ތާލިބާން ޖަމާއަތް ކަމަށް އަފްޣާން ފުލުހުން ތުހުމަތު ކުރެ އެވެ. ނަމަވެސް މިޙަމަލާގެ ޒިންމާ އެއްވެސް ޖަމާއަތުން އަދި އުފުލާފައެއްނުވެ އެވެ. (ރޮއިޓާސް)