24 Nov 2014, 09:32
ސްރީލަންކާ ސަރުކާރުން ވަކިވެވަޑައިގެން އިދިކޮޅު މީހުންނާ ގުޅިވަޑައިގެންނެވި ބޭބޭފުޅުންގެ ފައިލްތައް ( އެބޭފުޅުންނާ ދެކޮޅަށް ދައުވާ ކުރެވޭނެ މައްސަލަތައް) އެބަ ހުރި ކަމަށް އެގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ ކޮލަމްބޯ ގެޒެޓްނޫހުން އިއްޔެ ބުނީ ވަކިވެވަޑައިގެންނެވި ބޭބޭފުޅުންގެ ފައިލްތައް ހުރި ނަމަވެސް އެބޭފުޅުންނާ ދެކޮޅަށް އެ ފައިލްތައް ބޭނުން ނުކުރައްވާނެ ކަމަށް ރައީސް ރާޖަޕަކްސާ ވިދާޅުވި ކަމަށެވެ.
"...ވަކިވެވަޑައިގެންނެވި ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ އެބޭފުޅުންގެ ފައިލްތައް އެބަހުއްޓޭ. ނަމަވެސް އަޅުގަނޑު އޭގެ ބޭނުމެއް ނުކުރާނަން. އަޅުގަނޑު މީ އެކަހަލަ މީހެއް ނޫން،" އަނޫރާދަޕޫރާއާއި ޓްރިކޮމޮލީއާއި ދެމެދު އޮންނަ އޭ 12 މަގު ހަދައި ނިމި، އެމަގު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރާޖަޕަކްސާ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ ސަރުކާރުގެ ދޮރުތައް ވަނީ ހުޅުވާފައި ކަމަށާއި ކޮންމެ މީހަކަށް ވެސް ވަދެ ނިކުމެ އުޅެވޭނެ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ސްރީލަންކަން ފްރީޑަމް ޕާޓީ ( އެސްއެލްއެފްޕީ) ގެ ގިނަ މެމްބަރުންނަކީ އެޕާޓީ ދޫކޮށް ދިއުމަށް ފަހު އަލުން ގުޅިފައިވާ މީހުން ކަމަށެވެ. އަދި އޭގެ ތެރޭގައި ކުރީގެ ރައީސާ ޗަންދުރިކާ ބަންޑާރަނައިކަ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް ރައީސް ރާޖަޕަކްސާ އެގޮތަށް ކަންތައް ނުކުރައްވާކަން އޭނާ ފާހަގަ ކުރެއްވި ކަމަށް ވެސް ނޫހުގައި ވެއެވެ.
ރައީސް ރާޖަޕަކްސާގެ ސަރުކާރުގެ އިސް ބައެއް ބޭބޭފުޅުން އިދިކޮޅު މީހުންނާ ގުޅިވަޑައިގެންފައިވާތީ އޭނާ ވަނީ އެބޭބޭފުޅުންނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އެގޮތުން ވިދާޅުވެފައި ވަނީ އެބޭފުޅުން އަމަލު ކުރެއްވުމުގައި ހިކުމަތްތެރި ވެވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާ އަކީ ވިދާޅުވާ ކަމެއް ކުރައްވާނެ ބޭފުޅެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.