ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ ރައްޔިތުންނަށް ގާތުން، ފަސޭހައިން ހިދުމަތް ހޯދޭނެ މަގެއް ކޮށައި ތަނަވަސް ކުރުމެވެ. އެގޮތަށް ކަންތައް ނުވާ ނަމަ އެތައް ހާސް ރުފިޔާއެއް ކޮންމެ މަހަކު ހޭދަކޮށް ކައުންސިލަރުންތަކެއް ހޯދުމުގެ ބޭނުމެއް، މާނައެއް ނެތެވެ. އެކަމަކު "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ން މި އުސޫލު ގާއިމު ވޭތޯ ނުވަތަ ނޫންތޯ އެއީ ސުވާލު އުފެދޭ ކަމެކެވެ. ހާއްސަކޮށް މިކަހަލަ ދަނޑިވަޅެއްގަ އެވެ.

ފުރަތަމަ އިހު އޮތް ގޮތަށް ދަމާ ހެއްޔެވެ؟

ކުރިން އޮތް ގޮތުން ނަމަ ރަށެއްގެ ރަށު އޮފީހުން ކަމެއް ކުރަން ބޭނުންވެއްޖެ ނަމަ ޖެހޭނީ އަތޮޅު އޮފީހަށް އެކަމެއް ލިޔާށެވެ. އަތޮޅު އޮފީހުން އެޓޯލްސް މިނިސްޓްރީއަށް ލިޔެ އެ މިނިސްޓްރީން ކަމާބެހޭ އިދާރާއަކަށް ލިޔާށެވެ. މިއީ ހިދުމަތް ލަސްވާ މުސްކުޅި އުސޫލެކެވެ.

ކައުންސިލްތައް އުފެދިގެން އައުމަކީ މުސްކުޅި އުސޫލު މާޒީގެ ތެރެއަށް ފޮނުވާލާއި ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަން އެމީހުން އަމިއްލައަށް އަވަހަށް ކުރުމުގެ ނިޒާމް ގާއިމު ކުރުމެވެ. އަމިލައަށް ގޮތް ކިޔުމުގެ ނިޒާމް ގެނައުމެވެ.
އެހެންނަމަވެސް އާ އުސޫލުގެ ގާނޫނީ ފަރުމާއަށް ބައްލަވައި ބައެއް ގާނޫނީ ފަރާތްތައް އެކަމާ އިންކާރު ކުރައްވަ އެވެ. ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވަނީ ކައުންސިލް އިންތިހާބަށް ފަހު ވެސް ކުރިއަށް އަންނަން އޮތީ ގާތްގަނޑަކަށް ހަމަ ކުރީގެ "މުސްކުޅި" ހާލަތު ކަމަށެވެ. ހިދުމަތުގެ އަވަސް ލަސް މިނަށް ބަދަލެއް ނާންނަ ކަމަށެވެ.

"ލާމަރުކަޒީ ގާނޫނުގެ މާއްދާތައް ކިޔާލުމުން ފެންނަނީ ކުރިއަށްވުރެ އިދާރީ ހިންގުން ލަސްވާ މަންޒަރު. ރަށު ކައުންސިލްތަކުން ހިންގާ ހަރަކާތްތައް ވިލަރެސްކުރާނީ އަތޮޅު ކައުންސިލުން. ރަށު ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެ ކައުންސިލްތަކަށް ބޭނުންވާ ލަފާދީ ހަދާނީވެސް އަތޮޅު ކައުންސިލުން،" ޒުވާން ގާނޫނީ ވަކީލު މަހާޒް އަލީ ޒާހިރު އޭނާގެ ރަސްމީ ބްލޮގްގައި ލިޔުއްވާފައިވެ އެވެ. " ހަމަ އެހެންމެ ރަށު ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެ ކައުންސިލްތަކަށް ބޭނުންވާ ލަފާދީ ހަދާނީވެސް އަތޮޅުކައުންސިލުން،"

ނަން ނުޖެހުމަށް އެދިވަޑައިގެން މަޝްހޫރު ގާނޫނީ ވަކީލަކު ވިދާޅުވީ ރަށު ކައުންސިލްތަކަކީ އަމިއްލައަށް ކަންކަން ނިންމުމުގެ ގާނޫނީ ބާރު ލިބިފައިވާ ބައެއް ނޫން ކަމަށެވެ. އެ ވަކީލު ވިދާޅުވީ ރަށު ކައުންސިލުން ކޮށްދޭންޖެހޭ ކަންތައްތައް ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެ ކައުންސިލްތަކަށް ތަންފީޒީ ބާރު ލިބިފައި ވަނީ ވަރަށް ހަނި ގޮތަކަށް ކަމަށެވެ.

"ރަށު ކައުންސިލުގެ ވެސް މަސްއޫލިއްޔަތުތަކަކާއި ބާރުތަކެއް ގާނޫނުގައި ބަޔާންކޮށްފައި އެބަހުރި. އެކަމަކު އެ ކަންތައްތައް ތަންފީޒު ކުރުމަށް ކައުންސިލްތަކަށް ދަތިތަކެއް ދިމާވެދާނެ. ތަންފީޒީ ބާރު ކައުންސިލްތަކަށް ދީފައި ވަނީ ވަރަށް ހަނި ގޮތަކަށް،" ވަކީލު ވިދާޅުވި އެވެ.

ކުރިން ވާހަކަ ދެއްކެވި ވަކީލު މަހާޒް ވިދާޅުވެފައި ވަނީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގެ ގާނޫނު އެއްކޮށް ކިޔާލުމުން އަތޮޅު ކައުންސިލްގެ ދައުރަކީ ކުރީގެ އަތޮޅު އޮފީސްތަކުގެ ދައުރު ކަމަށެވެ. އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ދައުރަކީ އެޓޯލްސް މިނިސްޓްރީގެ ދައުރާ އެއްގޮތް ދައުރެއް ކަމަށް އޭނާ ވިދާޅުވެ އެވެ.

ކަން މިހެން އޮތުމުން ގާނޫނީ މާހިރުން ދެކިވަޑައިގަންނަވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު އިދާރީ ހިންގުން ކުރިއަށްވުރެ ލަސްވާނެ ކަމާމެދު ޝައްކު ކުރާނެ ޖާގައެއް ގާނޫނުގެ ތެރެއަކުން ނުފެނެ އެވެ.

ލާމަރުކަޒީ ގާނޫނަށް ވަކީލުން ފާޑުވިދާޅުވި ނަމަވެސް އެބޭފުޅުން ވެސް އެ ގާނޫނުން ރަނގަޅު ތަންކޮޅެއް ވެސް ފާހަގަ ކުރައްވަ އެވެ. އެއީ ރައްޔިތުންގެ ބައިވެރިވުން ކައުންސިލްތަކާއި ސިޓީތަކުގައި ހޯދަން އޮންނަ އޮތުމެވެ.
ކޮންމެއަކަސް ގިނަ ދުވަސްތަކެއް ނުވެ ކައުންސިލްތައް ވުޖޫދުވެގެން އަންނާނެ އެވެ. އެ ކައުންސިލްތަކުގެ "އިންޖީނު" ހިނގައިގަންނާނެ އެވެ. ގޮތް ކިޔުމާއި ގޮތް ނިންމުމާއި ހިދުމަތުގެ އަވަސް ލަސްމިން އެނގޭނީ އެހިސާބުންނެވެ. ގާނޫނީ ފުށު އަރުންތަކުގެ އަސްލުފާޅުވެގެން އަންނާނީ ވެސް އެހިސާބުގަ އެވެ.