23 Nov 2014, 22:34
އިނގިރޭސި ޕްރިމިއާ ލީގުގައި އަދި ޗެލްސީއަށް ކާމިޔާބީއެއް ނުހޯދޭކަމަށާއި، ކާމިޔާބުތަކުގެ ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށް އެ ޓީމްގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
ރޭ ވެސްޓް ބްރޮމް އާއި ދެކޮޅަށް ކުޅެ ޗެލްސީ މޮޅުވި މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ، ޕްރިމިއާ ލީގުގައި އަދި މިހާތަނަށް މި ސީޒަންގައި އެއްވެސް މެޗަކުން ބަލިވެފައި ނުވާ ޗެލްސީގެ ކާމިޔާބީއަކީ އެއްވެސް އެއްޗެއް ނޫންކަމަށާއި، އަދި ލީގުގައި ބާކީ 26 މެޗު ކުޅެން އެބަ އޮތް ކަމަށެވެ.
"ޗެލްސީ ފުރަތަމަ ހާފްގައި ދައްކާފައި ވަނީ ވަރަށް ރީތި ކުޅުމެއް. ކުޅުންތެރިން ދަނޑުމަތީގައި މެޗު ކުޅެނީ ކުޅޭހިތުންކަން އަހަންނަށް ފާހަގަވޭ. ޗެލްސީގެ ކުޅުންތެރިން އެކަކު އަނެކަކާ އެކު ވަރަށް ކުޅޭ ހިތްވާކަންވެސް ފާހަގަވޭ. އެކަމު އަދި އަހަރުމެނަށް ލީގުގައި ކުރިއަށް އެތައް މެޗެއް ކުޅެން ހުރި. އެގޮތަށް ބަލައިފިނަމަ މިހާތަނަށް މި ލިބުނު ކާމިޔާބީއަކީ އެއްވެސް އެއްޗެއް ނޫން،" ކޯޗު މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ އިތުރަށް ބުނީ، އޭނާ ކުރިން ކޯޗު ކޮށްދީފައިވާ އެކިއެކި މުބާރާތް ތަކުގެ ޓައިޓްލްތައް ކާމިޔާބު ކޮށްފައިވާ ޓީމުތަކާއި ޗެލްސީއާ އަދި އަޅައިކިޔެން ނެތްކަމަށާއި، ޗެލްސީ ޓައިޓްލްތަކެއް ކާމިޔާބު ނުކުރަނީސް މިހާތަނަށް އޭނާ ކޯޗުކަން ކޮށްދިން އެންމެ މޮޅު ޓީމަކީ ޗެލްސީއޭ ބުނެވެން ނެތްކަމަށެވެ.
"އަހަރެން ކޯޗުކަން ކޮށްދީފައިވާ ޓީމުތަކާ ޗެލްސީއާ އަދި އަޅާ ކިޔޭކަށް ނެތް. އެއްވެސް ކާމިޔާބީއެއް ނުހޯދޭ ޓީމަކާ އެތައް ކާމިޔާބީތަކެއް ހޯދި ޓީމުތަކާކާ އަޅާ ކިޔުމަކީ ކުރެވޭނެ ކަމެއް ނޫން. މިއީ އަދި (އަހަންނަށް) މުޅިން އާ ޓީމެއް. މި ޓީމަކީ މޮޅު ޓީމެއްގެ ގޮތުގައި ބަލައިގަނެވެން ބޭނުންނަމަ މި ޓީމް ކާމިޔާބީތަކެއް ހޯދަން ޖެހޭ،" އޭނާ ބުންޏެވެ.
މީގެ އިތުރުން މޮރީނީއޯ ޗެލްސީ ސަޕޯޓަރުންނަށް ފާޑުކީފަހުން ރޭގެ މެޗަކީ ޗެލްސީ ހޯމް ސްޓޭޑިއަމްގައި ކުޅުން ފުރަތަމަ މެޗު ކަމަށްވުމުން، އޭނާ ވަނީ ރޭގެ މެޗުގައި ސަޕޯޓަރުން ދިން ތަރުހީބުގެ ތަފާތު ފާހަގަ ކޮށްފައެވެ. އޭނާ ބުނި ގޮތުގައި ރޭގެ މެޗުގައި ސަޕޯޓަރުންގެ ތަރުހީބު ވަރަށް ބޮޑުތަން ރަނގަޅު ވެފައި ވާކަމަށާއި، އެއީ ކުރިއާ އަޅާ ބަލާއިރު ވަރަށް ރަނގަޅު ތަފާތެއް ކަމަށެވެ.
މިފަހަރުގެ އިންގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު، އެ ޓީމް ވަނީ ކުޅުން 12 މެޗުގެ ތެރޭން 10 މެޗު ކާމިޔާބުކޮށް، ދެ މެޗު އެއްވަރު ކޮށްފައެވެ.