23 Nov 2014, 21:37
އިއްތިހާދު އެއާވޭސްގެ މަތިންދާ ބޯޓެއް އިމަޖެންސީގައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އަށް ޖެއްސުމާ ގުޅިގެން ވަގުތީ ގޮތުން ރަންވޭ ބަންދުކުރުމަށް ފަހު އަލުން ހިދުމަތްދޭން ފަށައިފި އެވެ.
އެއާޕޯޓްގެ އޮފިޝަލަކު ސަންއަށް ވިދާޅުވީ، މިރޭ 19:10ގައި މާލެއިން އަބޫދާބީއަށް ދަތުރުކުރި އިއްތިހާދުގެ EY 279 މަތިންދާ ބޯޓުން ހައިޑްރޯލިކް ލީކް ވުމުގެ ސަބަބުން އެ ބޯޓު އަނބުރާ އެއާޕޯޓަށް ޖެއްސީ 20:30ގައި ކަމަށާއި އެވަގުތުން ފެށިގެން ރަންވޭ ވަގުތީގޮތުން ބަންދުކުރި ކަމަަށެވެ. އަދި ރަންވޭގެ ހިދުމަތް އަލުން ފެށީ މިރޭ 21:26ގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، އެބޯޓުގައި ފަސިންޖަރުންނާއި ކުރޫން ހިމެނޭގޮތަށް 189 މީހުން ދަތުރު ކުރި ކަމަށާއި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެއާޕޯޓް ބަންދުކުރުމުގެ ސަބަބުން ބައެއް ފްލައިޓްތަށް ޑިލޭވެފައިވާ އިރު، އެއް ފްލައިޓް ކޮޅުނބަށް ޑައިވާޓް ކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިފަހަކަށް އައިސް ފްލައިޓްތަކުން ހައިޑްރޯލިކް ލީކްވުމާ ގުޅިގެން އަނބުރާ އެއާޕޯޓަށް ޖެއްސުމާއި، އެއާޕޯޓް ބަންދުކުރާން ޖެހުމުގެ ސަބަބުން ހިދުމަތަށް ބުރޫއަރަމުންދާ ހާދިސާތައް އިތުރުވެފައިވާ ކަން ފާހަގަކުރެވެ އެވެ.
ރޭ ދަންވަރު ހުޅުލެއިން ބ. ދަރަވަންދުއަށް ދަތުރުކުރި ފްލައިމީގެ ބޯޓަކަށް ލިބުނު ބޮމުގެ އިންޒާރަކާ ގުޅިގެން އެބޯޓު އަނބުރާ ހުޅުލެއަށް ޖެއްސުމާ ގުޅިގެންވެސް ރޭ 11:49ގައި އެއާޕޯޓް ބަންދުކޮށް ކުއްލި ހާލަތަކަށް ގެނައުމަށް ފަހު އަލުން ހުޅުވާފައި ވަނީ، މެންދަމު 1:54ގައެވެ.