ގަވާއިދާ ޚިލާފަށް ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރި ދޯންޏެއް 770،304 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ދޯނި ޖޫރިމަނާ ކޮށްފައި ވަނީ ހުއްދަ އޮންނަ ސަރަހައްދަށް ވުރެ އެތެރެއިން މަސްވެރިކަން ކުރުމުގެ ސަބަބުން މިއަދު ކަމަށެވެ. ގަވާއިދުބުނާގޮތުން ލޭނު އަޅައިގެން މަސްވެރިކަން ކުރެވޭނީ 100 މޭލު ބޭރުން ކަމަށާއި އެހެންނަމަވެސް އެ ދޯނިން ލޭނު އެޅީ 85 މޭލު އެތެރޭގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެއީ ކޮން ދޯންޏެއްކަން އެ މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އެ މިނިސްޓްރީން ބުނީ އެ ދޯނީގައި ލޭނު އެޅުމަށް ބޭނުންކުރާ ބޮއިންނާއި ލޭނުކޮޅުތަކުގެ ދިގުމިން ހުރީ ވެސް ގަވާއިދުގައި ކަނޑައަޅާފައިވާ 60 މީޓަރަށް ވުރެ ކުރުކޮށް ކަމަށާއި ދޯނީގެ ލޭނު ނަނާއި ލޭނު ކޮޅުތަކުގައި ހުރީ 36 މީޓަރު ކަމަށެވެ.

"އެ ދޯނިން ބޭނި މަސްތައް ވިއްކާފައި ވަނީ މަސްއެކްސްޕޯޓު ކުރާ ފަރާތަކަށް. އެއީ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށާއި އެކްއާކަލްޗާ ކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު ގެ 22 ވަނަ މާއްދާގެ ދަށުން،" އެ މިނިސްޓީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ ސަރަހައްދުން ބޭރުން ލޭނު އެޅުމަށް ހުއްދަ ދޭ ދިވެހި އުޅަނދުފަހަރުން ގާނޫނާއި ގަވާއިދާ އެއްގޮތަށް މަސްވެރިކަން ކުރާކަން އެ މިނިސްޓްރީންނާއި އަދި ކޯސްޓުގާޑުން ކަށަވަރު ކުރަމުން އަންނަ ކަމަށެވެ.