30 Jan 2011, 01:06
ސަލްޓަން ޕާކްގައި ދެ ޒުވާނެއްގެ ގަޔަށް ވަޅި ހެރި ހާދިސާގައި ބުރަކަށްޓަށް ވަޅި ހެރުމުގެ ސަބަބުން ޒަހަމްވި ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އޮފިޝަލަކު ސަންއަށް މައުލޫމާތު ދެމުން މިރޭ ބުނީ، ބުރަކަށްޓަށް ވަޅިހެރުމުގެ ސަބަބުން ޒަހަމްތަކެއް ލިބުނު ޒުވާނާއަށް އެ ހޮސްޕިޓަލުގެ އޮޕަރޭޝަންގެ ތިއޭޓަރުން ފަރުވާދިނުމަށްފަހު އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އޭޑީކޭ ހޮސްޕިޓަލުން ނުދިނެވެ
މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 3:00 ޖަހާ އެހާކަންހާއިރު ސަލްޓަން ޕާކުގައި ހިންގި މާރާމާރީގައި ޒަހަމްވި ދެ މީހުންގެ ތެރެއިން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ގއ. މާމެންދޫ، އާބާދުގޭ އަބްދުﷲ ޖަލާލު، 21، އަށް އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުން ފަރުވާދިނުމަށްފަހު، މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ.
ޖަލާލުގެ އެއްބަފާ ބޭބެޔަކު ސަންއަށް މައުލޫމާތު ދެމުން ބުނީ ކޮއްކޮގެ ހަށިގަނޑުގެ ބޭރުފުށުން ފެނިފައިވާ ޒަހަމްތަކަށް ބަލައި، ކުރިން ހީކުރި ވަރަށް ވުރެ އަވަހަށް، ކޮއްކޮގެ ހާލު ރަގަނޅުވަމުން އަންނަ ކަމަށެވެ. އަދި ކޮއްކޮގެ ކަރަށް ވަޅި ހެރުމުގެ ސަބަބުން ކަރުގެ ނާރެއް ބުރިވެފައިވާ ކަމަށް ކުރިން ޑޮކްޓަރުންނަށް ބުނެވުނީ، އޭނާގެ ކަރަށް ލިބިފައިވާ ފުން ޒަހަމްތަކާ ގުޅިގެން ކަމަށާއި ކޮއްކޮއަށް ދިން ވަޅީގެ ހަމާލާގެ ސަބަބުން ސިކުނޑިއާ ގުޅިފައިވާ ނާރެއް ބުރިވެފައި ނުވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ޖަލާލުގެ ބޭބެ ސަންއަށް ކިޔަދިނެވެ.
"ކަރަށް ވަޅި ހެރުމުގެ ސަބަބުން ފުން ޒަހަމްތަކެއް އެބަ ކުރި. އެހެންނަމަވެސް ނުރައްކާވާ ވަރަށް ވަޅި ކަރުގެ އެތެރެއަށް ނުވަންނަ ކަމަށް ޑޮކްޓަރުން ބުނަނީ. މެއާ ދިމާލުން ފުއްޕާމެއަށް ވެސް ވަޅި ހެރާފައި އެބަހުރި. ނަމަވެސް އެ ޒަހަމްތަކުގައި ވެސް މާބޮޑު ސީރިއެސް ކަމެއް ނެތް ކަން އަދިކިރިއާ ތަފުސީލުތައް އެނގުނީ." ޖަލާލުގެ ބޭބެ ބުންޏެވެ.
ސަލްޓަލްޕާކުގައި މިއަދު ހިންގި މާރާމާރީގެ، މަންޒަރު ދުއް މީހަކު ސަން އަށް މައުލޫމާތު ދިން ގޮތުގައި ދެ ޒުވާނުންގެ ގަޔަށް ވަޅި ހަރާފައިވަނީ ލިލީމަގުން ސައިކަލުގައި ވަދެގެން އައި ބަޔަކު އެ ސަރަހައްދުގައި ސައިކަލް ޕާކް ކުރުމަށް ފަހު ސަލްޓަންޕާކު ތެރެއަށް ވަދެ ކަމަށެވެ. އަދި އެ ދެ މީހުން ވަޅި ހެރުމަށްފަހު ސައިކަލުގައި ފިލާފައިވާ ކަމަށް އެ މީހާ ސަންއަށް ކިޔައިދިނެވެ.
ފުލުހުން ބުނީ ސަލްޓަންޕާކް މާރާމާރީ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.