05 Apr 2010, 10:55
10:00
ތަގައްޔަރުވެފައިވާ ފެން ބުއިމުގެ ސަބަބުން ތ. މަޑިފުށީގައި މިހާތަނަށް 31 ކުއްޖެއްގެ ހާލު ގޯސްވެގެން އެރަށު ސިއްހީ މަރުކަޒުން ފަރުވާ ހޯދައިފި އެވެ.
މަނޑުފުށީ ސިއްހީ މަރުކަޒުން ބުނީ މިދިޔަ މަހުގެ 22 ން ފެށިގެން 31 ކުއްޖަކު ސިއްހީ މަރުކަޒަށް ދައްކާފައިވާއިރު، އޭގެ ތެރެއިން އުމުރުން ފަސް އަހަރުން ދަށުގެ ހަތް ކުދިންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު ކަމަށާއި އަދި މިހާރުވެސް ތިން ކުދިން އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެކުދިންގެ ހާލު މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅު ވަމުން އަންނަ ކަމަށާއި މިއަދުގެ ވަގުތެއްގައި އެކުދިން ޑިސްޗާޖްކުރެވޭނެ ކަމަށްވެސް ސިއްހީ މަރުކަޒުން ބުނެ އެވެ.
މަޑިފުށީގައި ފެތުރެމުންދާ މި ރޯގާގައި ބައެއް ކުދިން ވަރަށް ގަދައަށް ހުންއައުމާއި، ކަރުގަ ރިއްސުމާއި، ބަނޑަށް ތަދުވުމާއި ބޭރަށް ހިންގުން ފަދަ ކަންތައް ދިމާވާ ކަމަށާއި ތަޤައްޔަރުވެފައިވާ ކުދިންނަށް ނުދިނުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށްފައިވާ ކަމަށްވެސް މަޑިފުށީ ސިއްހީ މަރުކަޒުން ބުނެ އެވެ.
މިކަމާ ގުޅިގެން އެރަށު ކައުންސިލާ އަހުމަދު ނަޝީދު މިއަދު ވިދާޅުވީ ބައެއް ކުދިންގެ ސިއްހީ ހާލަތު ގޯސްވެފައިވަނީ ރަށުގެ ފެން ތަގައްޔަރުވެގެން ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ. ނަޝީދު އިތުރަށް ވިދާޅުވީ އެރަށުގެ ރައްޔިތުންނަށް ސާފު ބޭފެން ފޯރުކޮށްދޭ ފެން ޕްލާންޓުގެ ޕަންޕެއް ހަލާކުވެގެން، އެ ޕްލާންޓުން ފެން ނުއުފައްދާތާ ނުވަ މަސް ވެފައިވާ ކަމަށާއި މިއަދު އެ ޕަންޕް ލިބޭނެ ކަމަށެވެ. އަދި ރައްޔިތުން މިހާރު ބޭނުންކުރަމުންދާ ބައެއް ފެންތާނގީތަކުން ވެސް އެކިއެކި ސަބަބުތަކާ ހުރެ ފެން ދޫކުރަމުން ނުދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ ޕަންޕް ލިބުމުން ފެން އަލުން އުފެއްދުމުގެ މަސައްކަތް ފެށި، ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެއްވޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.