23 Nov 2014, 17:26
ތެލެސީމިއާ ކުދިންނަށް ލޭ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ޓަކައި، ލޭ ބޭނުންވާ ކުދިންނަށް ލޭ ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ނިންމައިފި އެވެ.
ކަރެކްޝަނަލް ސާވިސަސްގެ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް "ސަން" އަށް މިއަދު ވިދާޅުވީ، ތެެލެސީމިއާ ކުދިންނަށް ލޭ ބޭނުންވެއްޖެ ނަމަ އެކަމަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމީ، ކަރެކްޝަނަލް ސާވިސަސް އަކީ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ތަނަކަށް ވެފައި އެ ކުދީންނަށް ލޭ ނުލިބުމަކީ ގައުމީ މައްސަލައަކަށް ވާތީ ކަމަށެވެ.
"ތެެލެސީމިއާ ކުދިންނަށް ލޭ ނުލިބިގެން އެކަމުގެ ކަންބޮޑުވުން ތެެލެސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން މީޑިއާގަ އާއި އެކިއެކި ފޯރަމްތަކުގައި އެބަ ފާޅުކުރޭ. ލޭ ނުލިބުމަކީ ގައުމީ މައްސަލައެއް. އެހެންކަމުން އަޅުގަނޑުމެން ވިސްނީ މި މުއައްސަސާއަކީ ގިނަ މުވައްޒަަފުން، ގާތްގަނޑަކަށް 600 މުވައްޒަފުން އުޅޭ މުއައްސަސާއެއް ކަމުން ލޭ ހަދިޔާކުރުމަށް އިސްނަގަން،" އާސިފް ވިދާޅުވި އެވެ.
އެގޮތުން، ލޭ ބޭނުންވެއްޖެ ނަމަ މާލޭ ޖަލުގެ ނަންބަރު 3324435 އަށް ނުވަތަ މާފުށީ ޖަލުގެ ނަންބަރު 6640194 އަށް ގުޅާލުމުން ލޭ ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ކުއްލި ހާލަތުގައި ލޭ ބޭނުންވާ މީހުންނަށް ވެސް ލޭ ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އާސިފް ވިދާޅުވި އެވެ.
ލޭ ބޭނުންވާ ކުދިންނަށް ލޭ ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަރެކްޝަނަލް ސާވިސަސް އިން ނިންމާފައިވާ އިރު، ކޮންމެ އަހަރަކު ވެސް ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހިންގަން އެ ސާވިސަސް އިން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން، މާފުށީ ޖަލާއި އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ އަހަރީ ދުވަސް ފާހަކުރުމުގެ ހަރަކާތް ތަކުގެ ތެރެއިން އެ ދެ ތަނުގެ 80 މުވައްޒަފުން ވަނީ އިއްޔެ ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ތެލެސީމިއާ ސެންޓަރާ ގުޅިގެން މާފުށީގައި ހިންގާފައެވެ.