ސައުތު އޭޝިއާ އޯގަނައިޒޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން ( ސާކް)ގެ މިނިސްޓަރުންގެ ކައުންސިލުގެ 36 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއަށް ވަޑައިގެންފި އެވެ.

ސާކްގެ މިނިސްޓަރުންގެ އެ ބައްދަލުވުމަކީ މިމަހުގެ 26-27 ގައި ބާއްވާ 18 ވަނަ ސާކްސަމިޓްގެ ކުރިން ބާއްވާ ބައްދަލުވުމެކެވެ. ފޮރިން މިނިސްޓްރީން ބުނީ، ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ހިމެނިވަޑައިގަންނަވާ ގޮތުން ސާކް ސަމިޓްގައި ބައިވެރިވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގައިވެސް މިނިސްޓަރު ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ބުނީ ސާކްގެ ސްޓޭންޑިން ކޮމިޓީގެ 41 ވަނަ ބައްދަލުވުމާއި ޕްރޮގްރާމިން ކޮމިޓީގެ 49 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން ސެކްރެޓަރީ އަލީ ނަސީރާއި މިނިސްޓްރީގެ އިސް ބައެއް އެހެން ބޭފުޅުން މިހާރު ވަޑައިގެން ތިއްބެވީ ކަތުމަންޑޫގައި ކަމަށެވެ.

އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ފަހު ސާކްގެ ރިޔާސަތު ބަލަހައްޓަމުން އަންނަނީ ރާއްޖޭންނެވެ.