އަމިއްލައަށް މަރުވުމަށް މީހުން އާއްމުކޮށް ބޭނުންކުރާ ވަސީލަތްތައް މީހުންނަށް ފަސޭހައިން ނުލިބޭގޮތް ސަރުކާރުތަކުން ހަދަން ޖެހޭ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯ ސައުތު އީސްޓް އޭޝިއާ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މީހުން އަމިއްލައަށް މަރުވުން މަދުކުރުމުގައި ސަރުކާރުތަކަށް ދައުރެއް އަދާކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެގޮތުން އަޅަންވީ ފުރަތަމަ ފިޔަވަޅަކީ އަމިއްލައަށް މަރުވުން ހުއްޓުވުމަށް ސްޓްރެޓެޖީއެއް އެކުލަވައިލުން ކަމަށެވެ.

"...މިހަނގުރާމައިގައި ސަރުކާރުތަކުން ދައުރެއް އަދާކުރަން ޖެހެއެވެ. މިހަނގުރާމައިގައި އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅަކީ އަމިއްލައަށް މަރުވުން ހުއްޓުވަން ޖެހޭކަން ބަޔާންކޮށް، ގައުމީ ސްޓްރެޓެޖީއެއް ކަނޑައެޅުމެވެ. އެފަދަ ސްޓްރެޓެޖީއެއް މިހާރު ގެންގުޅެނީ އެންމެ 28 ގައުމަކުންނެވެ. އެކަމުގައި ކަމާ ބެހޭ ހުރިހާ ބައެއްގެ މެދުގައި އެއްބާރުލުން އޮތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އަމިއްލައަށް މަރުވުމަށް ބޭނުންކުރާ އާއްމު ވަސީލަތައް ފަސޭހައިން ނުލިބޭ ގޮތް ގައުމުތަކުން ހަދަން ޖެހެއެވެ،" ބަޔާނުގައި ވެއެވެ.

މީހުން އަމިއްލައަށް މަރުވުމަށް އާއްމުކޮށް ބޭނުން ކުރާ ވަސީލަތްތަކާއި ގޮތްތައް އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން އެންމެ ގިނަ ބަޔަކު އަމިއްލައަށް މަރުވަނީ ޒަހަރު ބޮއެގެން ކަމަށާއި އެގޮތަށް އެންމެ ގިނައިން ކަންތައް ކުރަނީ މުއްސަނދި ގައުމުތަކުގައި ކަން ފާހަގަކޮށްފައި ވެއެވެ. މެދު ފަންތީގެ އަދި ފަގީރު ގައުމުތަކުގައި އެންމެ ގިނަ މީހުން އަމިއްލައަށް މަރުވަނީ ދަންހިގެންނާއި ހަތިޔާރު ( ފަޔަރް އާމްސް) ބޭނުންކޮށްގެން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ސަރުކާރުތަކަށް ޕޫނަމް ގޮވައިލައްވާފައި ވަނީ އަމިއްލައަށް މަރުވުން އެއީ އާއްމު ސިއްހަތުގެ މައްސަލައެއްގެ ގޮތުގައި ބަލައިގަތުމަށެވެ. ވިދާޅުވެފައި ވަނީ އެގޮތަށް ކަންތައް ނުކުރާ ނަމަ އަމިއްލައަށް މީހުން މަރުވުން ހުއްޓުވުމުގައި ގައުމުތައް ނާކާމިޔާބުވާނެ ކަމަށެވެ.

ދުނިޔޭގައި ކޮންމެ 40 ސުކުންތެއްގެ ތެރޭގައި އެކަކު އަމިއްލައަށް މަރުވެއެވެ. ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2012 ވަނަ އަހަރު 800،000 މީހުން އަމިއްލައަށް މަރުވި އެވެ. ޑަބްލިއުއެޗްއޯއިން އަލަށް އާއްމުކުރި، ދުނިޔޭގައި މީހުން އަމިއްލައަށް މަރުވާ މިންވަރާ ބެހޭ ރިޕޯޓެއްގައި ބުނެފައި ވަނީ އެންމެ ގިނަ ބަޔަކު އަމިއްލައަށް މަރުވަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ކަމަށެވެ.