ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެއްވުމަކީ ހެއްދެވުނު "ގޯހެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެމްޑީޕީގެ އެތެރޭގެ އޮޑިޓެއް ހެއްދެވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން ރީކޯ މޫސާ މަނިކު މިއަދު ގޮވާލައްވައިފި އެވެ.

"ސަން" އާ ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެއްވުމަކީ ހެއްދެވުނު ގޯހެއް ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަމުގެ ހަގީގަތް ބަލަން ޖެހޭ ކަމަށެވެ. މޫސަ ވިދާޅުވީ އެއިރަކު ހުންނަވާ ވެރިޔަކު އަންޔަން ކުރައްވާފައި ތިއްބަވާ ވަޒީރުން ރައީސުލްޖުމްހޫރިއްޔާ އަށް ކިޔަމަންވާން ޖެހޭނެ ކަމަށެވެ.

"މިހާރު ވަޒީރުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އަށް އިހުތިރާމް ކުރަންޖެހޭނެ ބައެކޭ. ރައީސުލްޖުމްހޫރިއްޔާގެ އަމުރުތަކަށް ކިޔަމަންވެ ބޯލަނބަންޖެހޭ ބައެކޭ" 2018 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ މޫސަ ވިދާޅުވި އެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި އޮތް އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ) ގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިތުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ނިންމަވާ ނިންމެވުން ތަކަށް ސިޔާސީ ބޭފުޅުން ކުއްލި ހަރަކާތް ގެނައުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑު މީގައި ދަންނަވާލަން ބޭނުން އެނގިވަޑައިގަންނަވާނެ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދަކީ ވަރަށް ފުންކޮށް ކަންކަމުގައި ވިސްނަވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑު މިހާރު ދެކެނީ. އެބޭފުޅާ ނިންމަވާ ނިންމުން ތަކަށް ސިޔާސީ ބޭފުޅުން ކުއްލި ހަރަކާތް ގެނައުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައި 22 ދުވަސް ވަންދެން ގިރިފުށީގައި އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންގުޅުމަކީ ހެއްދެވުނު ގޯހެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުގެ ސަރުކާރުގައި އަބްދުﷲ މުހައްމަދު ނިންމެވި ނިންމެވުކީ ގައުމީ ސަލާމަތަށް ހެދުނު ގޯހެއް ކަމަށް އޭރުގެ ދައުލަތުގެ ބޭފުޅުން ހާއްސަކޮށް މިނިސްޓްރީ އޮފް ޑިފެންސުން ދެކިވަޑައިގެންނެވި. އެއީ އަޅުގަނޑު ދެކޭ ގޮތުގައި ގޯހެއް،" ނަޝީދު ވިދާޅުވި އެވެ.