23 Nov 2014, 17:05
ރޭ ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރި މެޗުގައި، ލަލީގާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ބާސާގެ ލިއޮނަލް މެސީ މުގުރާލާފައި ވާއިރު، ރޭ ރިއަލް މެޑްރިޑާއި އެއިބާ ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ވެސް ރެކޯޑެއް ހަދައިފި އެވެ.
މި ދެ ކުޅުންތެރިންގެ ވާދަވެރިކަމުގެ ވާހަކައަކީ ފުޓްބޯޅައިގެ ދުނިޔޭގައި ހޫނު މައުލޫއަކަށް ވާއިރު، ރޭ ކުޅުނު މެޗުގައި ހެޓްރިކެއް ހަދައި، ލަލީގާ ޓޮޕް ސްކޯރާގެ މަގާމް ހޯދި މެސީ ވަނީ ރޭގެ ލަނޑުތަކާއެކު މިހާތަނަށް ލަލީގާގައި މުޅިއެކު 253 ލަނޑު ކާމިޔާބު ކޮށްފައެވެ. މިއީ 1955 ގައި އެތުލެޓިކް ބިލްބާއޯ ޓީމުން އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލި ތެލްމޯ ޒައްރާ އަށްވުރެ ދެ ލަނޑު އިތުރު އަދަދެކެވެ.
މެސީ މިފަދަ ކާމިޔާބީއެއް ހާސިލްކޮށްފައި ވާއިރު، ރޮނާލްޑޯވެސް ވަނީ ރޭގެ މެޗުގައި އޭނާ ޖެހި ދެ ލަނޑާއެކު ލަލީގާ ރިކޯޑެއް ހަދާފައެވެ. އެގޮތުން މިފަހަރުގެ ލީގުގައި އޭނާ ކުޅުން 11 މެޗުގައި ޖެހި 20 ލަނޑާއެކު، އެންމެ މަދު އަދަދެއްގެ މެޗުގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާގެ މަގާމް އޭނާ ވަނީ ހާސިލް ކޮށްފައެވެ.
ރޭ ބާސާ އާއި ސެވިއްޔާ ބައްދަލުކުރި މެޗު 5-1 ގެ ނަތީޖާއަކުން ބާސާ ވަނީ ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައެވެ. މި މެޗުގައި މެސީ ތިން ލަނޑު ކާމިޔާބު ކޮށްފައި ވާއިރު، އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ނޭމާ އާއި އައިވަން ރަކިޓިކް އެވެ. މި މެޗުގައި ސެވިއްޔާއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުވެފައި ވަނީ ބާސާގެ ޖޯޑީ އަލްބާ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.
ރެއާލް އާއި އެއިބާ ބައްދަލުކުރި މެޗުގައި ރެއާލްއަށް އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރިގޭޒް އެވެ. މި މެޗުގައި ކަރިމް ބެންޒެމާ ވެސް އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިފައި ވާއިރު، ރެއާލްގެ އަނެއް ދެ ލަނޑު ކާމިޔަބު ކޮށްފައި ވަނީ ރޮނާލްޑޯ އެވެ.
ރޭގެ މެޗުތަކުގެ ނަތީޖާ އާއިއެކު ލަލީގާ ތާވަލްގެ އެއްވަނަ މަގާމް 30 ޕޮއިންޓާއެކު ރެއާލް ހޯދާފައި ވާއިރު، އެ ޓީމާ އެންމެ ގާތުން ވާދަކުރާ ބާސާ އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ.