ސަރުކާރުން ހިންގާ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭން ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދިނުމުގެ ގޮތުން، 15 ޕޮއިންޓް އިތުރުކޮށްދިނުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފްލެޓަށް އެދޭ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އަހައްމިއްޔަތެއް ދިނުމުގެ ގޮތުން، 15 ޕޮއިންޓް އިތުރުކޮށްދިނުމަށް ނިންމައި އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ކަށަވަރުކޮށްދޭނެ ސަރުކާރުގެ ރަސްމީ އިދާރާއެއްގެ ލިޔުމަކާ އެކު ފޯމު ހުށައެޅުމަށް އެދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފޯމު ހުށަހަޅާ ފަރާތްތަކުގެ ބެލެނިވެރިކަމުގެ ދަށުގައި ޚާއްޞަ އެހީއަށް ބޭނުންވާ އެކަކަށްވުރެ ގިނަ ކުދިން ތިބި ނަމަވެސް ދެވޭނީ 15 ޕޮއިންޓު، އެ 15 ޕޮއިންޓް އިތުރު ކުރެވެނީ މިހާރު ޕޮއިންޓް ދިނުމަށް އޮންނަ އުސޫލުން ލިބޭ ޖުމުލައިގެ ތެރެއަށް އިތުރު ކުރެވޭ 15 ޕޮއިންޓުގެ ގޮތުގައި،" ހައުސިން މިނިސްޓްރީން ބުންޏެވެ.

މިހާރު ފޯމް ހުށައަޅާފައިވާ ފަރާތްތަކަށް ވެސް އަލުން އެ ސިޓީ ހުށައެޅުމުގެ ފުރުސަތު އޮތްއިރު އަލަށް ފޯމް ހުށައަޅާ ފަރާތްތަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ނުވަތަ އެކަން ހުންނަ މީހެއްގެ ބެލެނިވެރިއެއްކަން އެނގޭ ސިޓީ ހުށައެޅުމުން ޕޮއިންޓު ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ފޯމް ހުށަހަޅަން ނަންބަރު ދޫކޮށްފައިވާ ފަރާތްތަކުގެ ފޯމްތައް ބަލައިގަނެ ނިމޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.