23 Nov 2014, 16:45
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާ ޖެހިގެންއައި ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލަ އަލުން ކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ނިންމަވާފައިވާތީ އެ މައްސަލައިގައި ހިމެނޭ 89 މީހުންގެ ގާނޫނީ ޓީމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި 89 މީހުންގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ފަރީޝާ އަބްދުﷲ ވިދާޅުވީ، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅުއްވަން އުޅެނީ ކުރިން ވެސް ހުރި ހެކިތަކުގެ މައްޗަށް ކަމަށެވެ.
ފަރީޝާ ވިދާޅުވީ، ގާނޫނު އަސާސީގެ 66 ވަނަ މާއްދާގައިވާގޮތުން އެއް މައްސަލައަކާ ގުޅިގެން ދެވަނަ ފަހަރަށް ޝަރީއަތް ނުކުރެވޭނެ ކަމަށެވެ. އަދި އެ ހައްގު ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން އެފަދަ ގާނޫނެއް ނެތްއިރު ހުޅުޖެހި މައްސަލަ އަލުން ކޯޓަށް ހުށަނޭޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ 55 މީހަކު ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލައާ މެދު ހުކުމް ކުރަންދެން އެމީހުން ބަންދުގައި ބައިތިއްބަން ކަމަށެވެ. އަދި މިހާރު އެ އެންމެން ބަންދުން ދޫކޮށްލީ އެ މައްސަލައިގެ ހުކުމް އިއްވުމަށްފަހު ކަމަށާއި ކޯޓުން ނިންމާފައި ވަނީ ހެކި ލިބިފައިނުވާތީ އެ މައްސަލަ ސާބިތުނުވާ ކަމަށް ކަމުގައި އޭނާ ވިދާޅުވި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އިއްޔެ ވިދާޅުވީ، ތިނަދޫ 89 މީހުންގެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅާނެ ކަމަށާއި މަދަނީ މައްސަލަތައް އަނބުރާ ފޮނުވާލާ ގޮތަށް ޖިނާއީ މައްސަލަތައް އަނބުރާ ފޮނުވާލެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންކަމުން އަނބުރާ މައްސަލަ ފޮނުވާލާފައިވާތީ އެކަން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.