އިޓަލީގެ ޔުނިވާސިޓީ އޮފް މިލާނޯ- ބިކޯކާ މޯލްޑިވްސްއައުޓް ޕޯސްޓް، ފ. މަގޫދޫގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވީރު ހުޅުއްވައިދެއްވައިފި އެވެ.

މި އައުޓްޕޯސްޓް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުން ތަރައްޤީވުން ކަމަށާއި، ރައްޔިތުން ތަރައްޤީ ކުރުމަށް، އެމީހުންނަށް، އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ރަނގަޅު ތަޢުލީމެއް ލިބެންޖެހޭ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ބިނާވެފައި އޮތީ ތަރައްޤީވެފައިވާ ރައްޔިތެއް އުފެއްދެވުމުގެ މައްޗަށް ކަމަށާއި، މި ސިޔާސަތުގައި ހިމެނެނީ، ވަށައިޖެހޭ ތަޢުލީމެއް ފޯރުއްވައިދެއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަރިވަރުންނަށް މަތީ ތަޢުލީމެއް ލިބުމުގެ ފުރުޞަތު ފަހިކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިގޮތުން، އިޓަލީގެ ޔުނިވާސިޓީ އޮފް މިލާނޯ- ބިކޯކާއާ ގުޅިގެން މިއަދު މި ހުޅުވުނީ، މިފަދަ މަތީ ތަޢުލީމުގެ ފުރުސަތެއް ފަހިވެގެންދާނެ ޔުނިވަރސިޓީއެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާގެ އައުޓްޕޯސްޓެއް ރާއްޖޭގައި ޤާއިމް ކުރެއްވުމުގެ މަސައްކަތް ފުރަތަމަ ފެށިގެން އައި ގޮތުގެ މައްޗަށް ބައްލަވާރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ޔުނިވަރސިޓީ އުފެދުނީ، އެމަނިކުފާނު 2009 ވަނަ އަހަރު ފެބްރުއަރީ މަހު އިޓަލީއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ޔުނިވަރސިޓީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖޭގައި ފަރުތަކާއި ކަނޑާބެހޭ ތަޙްލީލް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެން ކަމަށެވެ. އަދި މި ހުށަހެޅުއްވުމާ ގުޅިގެން އެފަދަ ތަޙްލީލަކީ އެކަމުގެ ފައިދާ ރާއްޖެއަށް ލިބޭ ގޮތަށް ކުރެވޭ ތަޙްލީލަކަށް ވާންޖެހޭނެކަމަށް ސަރުކާރުން އެ ޔުނިވަރސިޓީއަށް ހުށަހެޅުއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަގޫދޫގައި މި އައުޓްޕޯސްޓް ޤާއިމް ކުރެއްވުމަށް ސަރުކާރުން ހުށަހެޅުއްވީ ޤުދުރަތީ ގޮތުން އެ ސަރަޙައްދުގެ އަތޮޅުތަކުގެ މެދުގައި އެހެން ރިޒޯޓްތަކާ ކައިރީގައި އަދި މާލެއާ ވެސް މާ ދުރުނޫން ހިސާބެއްގައި އޮތުމުން މަގޫދޫގައި މި ފަދަ ތަނެއް ޤާއިމުކުރުމަކީ އެކަމުގެ ފައިދާ ރާއްޖެއަށް ލިބޭނެ ކަމެއް ކަމަށް ފާހަގަކުރެއްވިގެން ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މަގޫދުއަށް ވަޑައިގަތީ، ނިލަންދެއަތޮޅު އުތުރުބުރިއާއި އެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށް އެމަނިކުފާނު މިއަދު މެންދުރު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުންނެވެ. ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅަކީ 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ދެއްވުމަށާއި ސަރުކާރުން މިހާރު ހިންގަވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތާއި ކުރިއަށް ރާއްވަވާފައިވާ އަދި ފެށްޓެވުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.