ޅ. މާފިލާފުށީގައި ބިންހުރި ފަރާތްތަކަށް މާލެ ސަރަހައްދު ނޫން ރާއްޖޭގެ ކޮންމެވެސް އެހެން ސަރަހައްދެއްގެ ރަށްރަށުން ބިން ދޫކުރަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީއިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، މާފިލާފުށީގައި ދިރިއުޅޭ އެއް އާއިލާއެއް ފިޔަވައި އެހެން ހުރިހާ އެންމެން އެރަށުން އެހެން ރަށަކަށް ބަދަލު ކޮށްފައިވާއިރު އެ އާއިލާއަށްވެސް ބޯހިޔާވަހިކަން މިހާރު ހަމަޖައްސާ ދީފައިވާ ކަމަށެވެ. އަދި މާފިލާފުށީގައި އިމާރާތް ނުކުރި ނަމަވެސް ބިންހުރި ފަރާތްތަކަށް މާލެ ސަރަހައްދު ނޫން ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ބިން ދޫކުރަން ނިންމާފައިވާ ކަމަށެވެ.

"ބިން ދޭއިރު ބިން ލިބޭނީ އެރަށެއްގައި ބިން ދޫކުރާ ސައިޒަކުން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެރަށުގައި އިމާރާތްކޮށްފައިވާ ފަރާތްތަކަށް ޝަރުއީ މަރުހަލާގެ ދަށުން ބަދަލުދިނުމަށް ނިންމައި އެކަން އަންނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނާފައިވާ ކަމަށެވެ.

މާފިލާފުށިން ބަދަލުވި އާއިލާތަކަށް ހުޅުމާލެއިންނާއި ނައިފަރުން ފުލެޓު ހޯދައިދީފައިވާއިރު އޭގެ ތެރެއިން ބައެއް އާއިލާތައް ކުޅުދުއްފުއްޓާއި ހަނިމާދޫގެ އިތުރުން މަނަދޫގައިވެސް ދިރިއުޅެމުން ދެއެވެ.

ގާތްގަނޑަކަށް 80 އެއްހާ މީހުން ދިރިއުޅެމުން އަންނަ މާފިލާފުއްޓަކީ ސަރުކާރުން ފަޅު ރަށެއްގެ ގޮތުގައި ކަނޑައާޅާފައިވާ ރަށެކެވެ. އަދި އެހިސާބުން ފެށިގެން އެރަށުގައި ދިރިއުޅޭ އާއިލާތައް އެއަތޮޅު އެހެން ރަށްރަށަށް ބަދަލުކުރުމާ ބޭހާ ކަންތައްތައް ވަނީ ފަށައިފަ އެވެ.