މާލޭ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް 4.3 މިލިއަން ރުފިޔާގެ މަޝްރޫއެއް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރު މުހައްމަދު މުއިއްޒު އެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން އެ އެއްބަސް ވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން މާލޭގެ ފެންބޮޑުވާ މައްސަލައަށް "އެދެވޭ" ހައްލެއް ލިބިގެންދާނެ ކަމަށާއި އެ ޕްރޮޖެކްޓުގެ ދަށުން މާލޭގައި ފެން ހިންދުމަށް ބަހައްޓާފައިވާ ޕަންޕުތަކާއި ހޮޅިތައް މަރާމާތުކޮށް ބެލެހެއްޓުން ހިމެނޭ ކަމަށެވެ.

"މިހާރު ހޮޅިތަށް ހުރީ ބެދިފައި. މި ޕްރޮޖެކްޓްގެ ދަށުން އެހޮޅިތައް އާ ކުރެވިގެންދާނެ. މިއީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ޕުރޮޖެކްޓެއް،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ތިން މަރުހަލާއެއްގައި މަސައްކަތް ކުރާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ކާނުތައް ސާފު ކުރުން ކަމަށެވެ. ދެވަނަ މަރުހަލާގެ މަސައްކަތް އެމްޑަބްލިޔްއެސްސީ އާއި ހަވާލުކުރިއިރު ތިން ވަނަ ކަމަކަށް މާލޭގެ މަގުތައް ލެވެލްކޮށް މަރާމާތުކުރުމަށް ފަރާތެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަށާއި އެމަސައްކަތް މިއަންނަ އަހަރު ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރު ވިދާޅުވީ، އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި އަދި އެމަސައްކަތް ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ފެން ހިންދަން އިތުރަށް ޕަންޕު ބަހައްޓަން ޖެހޭނަމަ ނުވަތަ އިތުރަށް ހޮޅިވަޅުލަން ޖެހޭނަމަ އެކަން ކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމެއްގައި މާލޭ ސިޓީ ކައުންސިލާއި އެމްޑަބްލިޔުއެސްސީއާ ދެމެދުގައިވެސް މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ސޮއިކުރެވުނެވެ. ނަމަވެސް މަގުތައް ސަރުކާރުގެ ބެލުމުގެ ދަށަށް ނަގާފައިވާތީ ދެން ކުރިއަށްދާނީ އެގޮތުގެ މަތިންކަަށް އެމްޑަބްލިޔްއެސްސީއިން ބުންޏެވެ.

ވާރޭ ފޮދެއް ވެހިލާއިރަށް މާލޭގެ ބޮޑު ބައެއްގައި އުނދަގޫވާވަރަށް ފެންބޮޑުވެއެވެ. އަމީނީ މަގުން ފިނޭންސް މިނިސްޓްރީއާ ހަމައިން ފެށިގެން ވިޔަފާރި ވެރިންގެ މިސްކިތާ ހަމައަށް އެ މަގުގައި ފެންބޮޑުވެ އެވެ. އަދި ބޮޑުތަކުރުފާނު މަގުން ވެސްޓްޕާކާ ދިމާލުގައިވެސް ފެންގަނޑުބޮޑުވެ އޮންނަނީ ކޯރުހެދިފަ އެވެ.