މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ގދ. ފިޔޯރީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ފިޔޯރީ ކައުންސިލުން ބުނީ، ފަތްކޭލާއި މިރުސްގަސް ތަކަށާއި ބިލެއްވެޔޮ އަދި ދަނޑުތަކުގައި ހައްދާފައިވާ ފަޅޯގަސްތަކާއި ރުއްގަސްތައް ވެއްޓި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އޭގެ އިތުރުން ގޯތިތެރެއާއި މަގުމަތީގައި ފެންބޮޑުވެ ދަނޑުތަކުގައި ހައްދާފައިވާ ގޮވާމަށް ގެއްލުންލިބި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެރަށު ކައުންސިލުން ބުނީ، މިފަދަ ކޮންމެ ވިއްސާރައެއްގައި އެންމެބޮޑަށް ގެއްލުންވާ އެރަށުގެ އޮޅުބިން ހިމެނޭ ސަރަހައްދަކީ ހާއްސަކޮށް ގެއްލުންބޮޑު ސަރަހައްދެއް ކަމަށެވެ. އެގޮތުން އެ ސަރަހައްދަކީ ޗަސް ބިމެއް އޮތް ސަރަހައްދަކަށް ވާތީ ފެން ހިންދުމަށް ރައްޔިތުން ނުކުޅެދިފައިވާ ކަމަށް ފިޔޯރީ ކައުންސިލުން ބުނެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގދ. ފިޔޯރީގެ ދަނޑުބިންތަކުގައި ފެންބޮޑުވެފައި --- ފޮޓޯ: ފިޔޯރީ ކައުންސިލް

ފިޔޯރީ ކައުންސިލުން އިތުރަށް ބުނީ އެ މައްސަލަ 2007 އަދި 2008 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީއަށް ހުށަހެޅުމުން 2009 ވަނަ އަހަރު އެ މިނިސްޓްރީ އާއި ޔޫއެންޑީޕީގެ ބޭފުޅުން ފިޔޯރީއަށް ވަޑައިގެން ފެން ހިންދުމުގެ މަޝްރޫއަށް ފަންޑު ލިބިފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.

"ފެންހިިންދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީގެ ބޭފުޅުން ފިޔޯރީއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ފެންހިންދުމަށް އެތަނަށް ބޭނުންވަނީ ކޮންކަހަލަ ނިޒާމެއްތޯ ބެއްލެވުމުގެ އިތުރުން އެތަނުގެ ސާވޭ ހެއްދެވި،" ފިޔޯރީ ކައުންސިލުން ބުންޏެވެ.

ނަމަވެސް މިއަދާ ހަމައަށް އެ ފައިސާއަށް ވީގޮތެއް ނޭނގޭ ކަމަށާއި އެކަން ހިނގިގޮތް ބެލުމަށް ކައުންސިލުން ކުރި މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ.