އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިމަނާފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގުރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކުގައި ކަންބޮޑުވުންތައް އެބަހުރި ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކޮމިޓީގައި މިއަދު ޕީއެސްއައިޕީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ބަޖެޓު ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، ޕީއެސްއައިޕީގައި އެބޭފުޅުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވީ، ޕީއެސްއައިޕީގެ ޕްރޮގުރާމްތައް ވެސް ހިންގަންވާނީ ހުރިހާ ރަށެެއްގެ މެދުގައި ހަމަހަމަ އުސޫލެއްގެ މަތިން ކަމަށެވެ.

"އަޅުގަނޑުގެ ރަށުގައިވެސް އެބަހުރި ބައެއް ކަންތައްތައް. އަޅުގަނޑު ދަންނަވާލަން އޮތީ ޕީއެސްއައިޕީގެ ޕްރޮގުރާމްތައް ހުރިހާ ރަށެއްގައި ހުރިހާ ދާއިރާއެއްގައި ހަމަހަމަ އުސޫލުން ގެންދަން ޖެހޭނޭ،" ޝަރީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ޕީއެސްއައިޕީގެ ޕްރޮގްރާމަކީ ބަޖެޓު ނިންމުގައި އެންމެ އުނދަގޫ މަރުހަލާ ކަމަށެވެ. އެކަން އެގޮތަށްވަނީ ދާއިރާގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެ ދާއިރާއެއްގެ މެމްބަރާ ހަމައަށް ގެންނާތީ ކަމަށް އިބޫ ވިދާޅުވި އެވެ.

މިއަދުގެ ބަޖެޓު ކޮމިޓީގައި ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ޕީއެސްއައިޕީގެ ޕްރޮގުރާމްތަކުން ފާއިތުވި އަހަރުތަކުގައި ނުނިމި ހުރި ޕަސެންޓު އެނގެން ބޭނުންވާ ކަމަށް ވިދާޅުވެ އެ ކަރުދާސްތައް ކޮމިޓީއަށް ގެނެސްދެއްވުމަށް ވަނީ އެދިވަޑައިގެންފައި އެވެ. ނާޝިދު އެހެން ވިދާޅުވުމުން ކޮމިޓީގައި ނިޒާމީ މައްސަލަތައް އިތުރުވެގެން ދިޔަ އެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅަށް ތާއީދުކުރައްވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ، ޕީޕީއެމްގެ މެމްބަރުންގެ ވެސް ޕީއެސްއައިޕީގެ ޕްރޮގުރާމްތަކާއި ގުޅޭ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

"އެމްޑީޕީ އެކަންޏެއް ނޫން. ޕީޕީއެމްގެ މެމްބަރުންވެސް ދެން އައިސް ޖޭޕީގެ މެމްބަރުންވެސް ބޭނުންވާނެ އެ މެމްބަރެއްގެ ދާއިރާގައި މަޝްރޫއުތައް ހިންގަން. ޕީއެސްއައިޕީގެ މައްސަލަ ޕީޕީއެމްގައިވެސް އެބައުޅޭ. އަޅުގަނޑު ބޭނުމެއް ނޫން ވަކި ބަޔަކު އޮޕޮޒިޝަންގައި ތިއްބޭ ކިއާފައި އެއްޗެއް ދޭކަށް،" ރިޔާޒް ވިދާޅުވި އެވެ.

މިފަހަރުގެ ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރެއްގެ ދާއިރާއަށްވެސް މަދުވެެގެން އެއް މަޝްރޫއު ހިމަނާފައި ވެއެވެ.