23 Nov 2014, 14:19
އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ ބޯޑު މެމްބަރުކަން ބީއެމްއެލްގެ ސީއީއޯ އެންޑުރޫ ހީލީ ހޮވިވަޑައިގެންފި އެވެ.
އޮމާންގެ ވެރިރަށް މަސްކަޓުގައި މިދިޔަ ހަފްތާގައި ބޭއްވި އޭބީއޭގެ އަހަރީ އާންމު ޖަލްސާގައި އެންޑުރޫ އެޖަމިއްޔާގެ ބޯޑަށް ހޮވިވަޑައިގެންއިރު އޭނާއަކީ އެ ޖަމިއްޔާގެ ބޯޑުގައި ރާއްޖެ ތަމްސީލް ކުރާ ހަމައެކަނި މެމްބަރެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެންޑުރޫ ވިދާޅުވީ، ރާއްޖެއަކީ ވިޔަފާރިކުރުމަށް އިންވެސްޓަރުން ޝައުގުވެރިވާ ފަދަ މަންޒިލެއް ކަމަށާއި ރާއްޖޭގައި އިންވެސްޓަރުންނަށް ފުރުސަތުތައް އޮތް ކަމަށެވެ.
"މީގެ ސަބަބަކީ ވިޔަފާރީގެ ގޮތުން ރާއްޖެ ހުޅުވާލެވިފައިވާ މިންވަރާއި ސިޔާސީ އަދި އިގްތިސާދީ ގޮތުން ގައުމަށް ލިބިފައިވާ ހަމަޖެހުން،" އެންޑުރޫ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބެންކިން ދާއިރާ ކުރިއަރަމުންދާ ގޮތަށް ކުރިއަށްދާނަމަ ބީއެމްއެލްގެ ހިދުމަތް ރާއްޖެއިން ބޭރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ގައުމީ ބެންކް ބީއެމްއެލްގެ ސީއީއޯގެ މަގާމާ އެންޑުރޫ ހަވާލުވެވަޑައިގަތީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭނާ ވަނީ މީގެ ކުރިން ނޯދަން އަޔަލޭންޑްގެ ބޭންކިން އެސޯސިއޭޝަންގެ ޗެއާމަންކަމާއި އެގައުމުގެ އިނިސްޓިޓިއުޓް އޮފް ބޭންކިންގެ ރައީސްގެ މަގާމު ވެސް އަދާ ކުރައްވާފައެވެ. އޭނާ އަކީ ޔޫކޭ އިންސްޓިޓއުޓް އޮފް ޕާސަނަލް އެންޑް ޑިވެލޮޕްމެންޓުގެ ޗާޓަޑް މެމްބަރެކެވެ.