23 Nov 2014, 14:02
ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގުގެ 18 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމްގެ އިސްތިއުނާފީ އަޑުއެހުންތައް ނިންމާލައިފިއެވެ.
ސަފާ 18 އަހަރަށް ޖަލަށްލުމާއެކު 75،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނުކަން އޭނާގެ މައްޗަށް ސާބިތުވުމުންނެވެ.
މިއަދު ބޭއްވި އިސްތިއުނާފު މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލައަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށެއް ކަމަށާއި އެހެންކަމުން މަސްތުވާތަކެތީގެ އެހެނިހެން މައްސަލަތަކުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާން ނުޖެހޭނެ ކަމަށެވެ.
އެ ފޯންކޯލް ރެކޯޑިންގް އަޑުއެހުމުން "ވައިޓު" ކުލައިގެ އެއްޗެއް ފޮނުވަން އުޅޭ ކަމާއި އެއީ ސިކްފިލާ އެއްޗެއް ކަމާއި އެތަކެތި ބަލައިދާނެ މީހުންނާއި ގެންދާނެ މީހުންނާއި އެކަމުގައި ބަލައިގެން އުޅެންޖެހޭނެ ކަމާއި އުޅެންޖެހޭނީ ނާކޮޓިސް މީހުންނަށް ނުފެންނަ ގޮތަށް ކަމާއި އެ ވިޔަފާރިއަކީ 10 އަހަރު ވަންދެން ކުރަމުން އަންނަ ވިޔަފާރިއެއްކަން އެނގޭ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ކަންކަމަށް ބަލާއިރު އެއީ މަނާކުރެވިފައިވާ މަސްތުވާތަކެތި ކަމަށް ގަބޫލުކުރެވޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ސަފާ ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެތީގެ ޒިންމާނެގި މީއާދާ ފޯނުން އޭނާ މުއާމަލާތް ކޮށްފައިވާ ކަމަށާއި އެ މުއާމަލާތުގައި އޭނާ އެ އެޕާޓްމަންޓަށް ދާން އުޅޭވާހަކަ ދައްކާފައިވާތީ މީއާދާ ސަފާ އާ ދެމެދު އޮތް ގުޅުން އިތުރަށް ހަމާވެގެންދާ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ސަފާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
ސަފާގެ ދިފާއީ ވަކީލު އާދަމް އާސިފް ވިދާޅުވީ "ވައިޓު" ކިޔާ މަސްތުވާއެއްޗެއް ގާނޫނުގައި ބަޔާންކޮށްފައި ނޯންނަ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި އެއީ ކޮންބާވަތެއްގެ މަސްތުވާތަކެތި ކަމާއި އޭގެ ބަރުދަން އެނގުން ގާނޫނު ލާޒިމްކުރާ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ "ވައިޓު" އަކީ ހުދު ކަމަށާއި "ވައިޓު" ކުލައިގައި ވަރަށް ގިނަ އެއްޗިހި ހުންނަ ކަމަށާއި ހުދުކޮށް ހުންނަ ބޭސްވެސް ހުންނަ ކަމަށެވެ. އަދި އެއްވެސް ޒަމާނެއްގައި އޭނާގެ ޒިންމާގެ ދަށުން އެފަދަ ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވޭތޯ ބަލަންޖެހޭ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަކީލު ވަނީ 10 އަހަރުވަންދެން ސަފާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަން ދައުލަތަށް އެނގޭ ކަމަށް ވާނަމަ އެ މުއްދަތުގެ ތެރޭގައި އެކަން ކުރަނިކޮށް އޭނާ ހައްޔަރުކޮށްފައި ނުވަނީ ކީއްވެކަމަށް ވިދާޅުވެ، އެކަމާ ސުވާލު އުފައްދާފައެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލެއްވީ އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ މައްސަލަ ދެން އޮންނަ އަޑުއެހުމެއްގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް އިއުލާން ކުރުމަށްފަހުއެވެ.