23 Nov 2014, 13:10
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޑިސްކައުންޓް ޑިނުމަށް ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންއިން ބުނެފި އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް މިއަދު 'ސަން'އަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މޯލްޑިވިއަންގެ ޓިކެޓެއް ގަތުމުން ޑިސްކައުންޓު ދިނުމަށް އެކުންފުނިން މިހާރު ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޑިސްކައުންޓް ދޭނީ ކިތައް ޕަސެންޓް ކަމެއް ނިންމައި އެކަމަށް އަމަލު ކުރެވެން ފެށޭނީ ކުރިއަށް އޮތް ހަފްތާއެއް ހާ ދުވަސް ތެރޭގައި ކަމަށް ހާރިޝް ވިދާޅުވި އެވެ.
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކާޑު ދެއްކުމުން ޑިސްކައުންޓު ދޭ ގޮތަށް އަޅުގަނޑުމެން ނިންމައިފިން، ނަމަވެސް ޑިސްކައުންޓު ދޭނެ އަދަދެއް އަދި ކަނޑައެއް ނޭޅޭ" ހާރިޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމަކީ ސަރުކާރުގެ ޕޮލިސީތަކާ އެއްގޮތަށް ކުރެވެމުންދާ ކަމެއް ކަމަށެވެ.
މޯލްޑިވިއަން އިން ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ އިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުޅުލެ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ ފެރީތަކުން ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.
އިޖްތިމާއީ ހިދުމަތުގެ ދާއިރާ އިން ގައުމީ އިނާމު މި އަހަރު ހާސިލުކޮށްފައިވާ އަހުމަދު ހިޝާނު މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިވެރިކޮށްގެން ވިޔަފާރިކުރަން ދިއުމުން ޑިސްކައުންޓް ލިބޭ ސުކީމެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ފަށާ އެ ސުކީމްގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ވިޔަފާރިތަކަށް ވަނީ ހުޅުވާލައިފަ އެވެ.