އައްޑުއަތޮޅު ފޭދޫ ސްކޫލާއި ހިތަދޫ ޝަރަފުއްދީން ސްކޫލަށް ބޮޑެތި އެހީތަކެއް ވުމަށް އެއްބަސްވެ، ޝަންގްރިއްލާ ރިސޯޓުން އެ ދެ ސްކޫލާއެކު ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ޝަންގްރިއްލާ ރިސޯޓުން އެ ދެ ސްކޫލާ އެކު އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެގޮތުން ފޭދޫ ސްކޫލާއި އެކު ސޮއެ ކުރެވުނު އެމްއޯޔޫގައި އެ ސްކޫލްގައި ފުޓްބޯޅަ އެކަޑަމީއެއް ގާއިމް ކުރަން އެހީތެރިކަން ފޯރުކޮށްދިނުމަށް ޝަންގްރިއްލާއިން ވަނީ އެއްބަސްވެފައެވެ. އަދި ހިތަދޫ ޝަރަފުއްދީން ސްކޫލާއެކު ސޮއިކުރެވުނު އެމްއޯޔޫގައި އެ ސްކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގާ ކްލާސްތަކަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.

ފޭދޫ ސްކޫލްގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރައްވާފައި ވަނީ އެ ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތަފާ އެވެ. އަދި ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް ޑރ. އަދީލް ނަސީރް އެވެ. ޝަންގްރިއްލާ ރިސޯޓްގެ ފަރާތުން އެ ދެ އެމްއޯޔޫގައިވެސް ސޮއެކޮށްފައި ވަނީ އެ ރިސޯޓް ގެ ޖެނެރަލް މެނޭޖަރު ގެބްރިއެލް ލޮންބާޑޯ އެވެ.

އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އާއި ޔޫތު މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އާއި ފޭދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލްގެ އިސްވެރިންން ބައިވެރިވެ ވަޑައިގަތެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަލީހް ވިދާޅުވީ، އައްޑޫ ގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާތައް ގާއިމް ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށާއި، ގާއިމް ކުރެވިގެންދާ މި ވަސީލަތްތަކުގެ ސަބަބުން ރާއްޖޭގައި އަޝްފާގް ފަދަ އެތައް މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެން ދާނެކަމީ ޝައްކު ކުރާކަމެއް ނޫންކަމަށެވެ.

އެ އެއްބަސްވުމާ ބެހޭގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން ފޭދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވީ، ޝަންގްރިއްލާއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ފޭދޫގައި ފުޓްބޯޅަ އެކަޑަމީ ހިންގުމަށް ކޮންމެ އަހަރަކު 180،000 ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދޭން އެއްބަސްވެފައި ވާ ކަމަށެވެ. އަދި މީގެ އިތުރުން ކޯޗުންނާއި ކުޅިވަރު ސާމާނުވެސް ޝަންގްރިއްލާއިން ފޯރުކޮށްދޭން އެއްބަސްވެފައި ވާކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ފަރާތުން އެ ސްކޫލްގެ ޕްރިންސިޕަލް ޑރ. އަދީލް ނަސީރް ވިދާޅުވީ، އެ ސްކޫލާއި ޝަންގްރިއްލާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެ ސްކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 120،000 ރުފިޔާގެ އެހީތެރިކަމެއް ކޮންމެ އަހަރަކު ފޯރުކޮށްދިނުމަށް އެ ރިސޯޓުން އެއްބަސްވެފައި ވާކަމަށެވެ.

ޝަންގްރިއްލާ ރިސޯޓް ގެ ފަރާތުން އެ ދެ އެމްއޯޔޫގައި ސޮއެކޮށްފައި ވަނީ އެ ރިސޯޓުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބަލިޓީ ޕްރޮގްރާމްގެ ދަށުން، އެ އަތޮޅުގެ އެކި ރަށްރަށަށް އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.