23 Nov 2014, 13:01
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް ކިލޯގެ ކެނަބިސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމުސްގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، އެއް ކިލޯގެ ކެނަބިސް އަތުލައިގަތީ ޑާކާއިން ފުރައިގެން ޗެންނާއީ މަގުން މާލެ އައި ބަނދުލަދޭސް ފިރިހެނެއްގެ އަތުން ކަމަށެވެ.
"މި ފަސިންޖަރުގެ ފޮށިތަންމަތި ބަލައި ފާސްކުރުމުގެ ތެރޭގައި ފޮށީގެ ތެރޭގައިހުރި އަންނައުނުގެ ތެރެއިން ވަނީ މަސްތުވާތަކެތި ފެނިފައި،" ކަސްޓަމުސް އިން ބުންޏެވެ.
ބަނގުލަދޭޝް މީހާގެ އަތުން އަތުލައިގަތް އެ ތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް އަށް ޕޮސިޓިވް ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތު ދިނެވެ. އަދި އެތަކެތި އެތެރެ ކުރި މީހާ ފުލުހުންނާއި ހަވާލުކޮށްގެން ތަހުގީގް އިތުރަށް ކުރިއަށްގެންދާކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ފުލުހުން ވެސް ވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަނގުލަދޭސްގެ 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެ ރޭ އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ 'ކެނަބިސް' ފަތުގެ ބަރުދަނުގައި 925 ގްރާމް ހުއްޓެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ފުލުހުންގެ އިންޓަލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ އެރޭގެ ވަގުތެއްގައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓުން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަޕޯޓަށް ޖެއްސި ވަގުތުގައި ކަމަށް ފުލުހުން ފުލުހުން ބުންޏެވެ.