އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުން މެޗުތަކުގެ ތެރޭން ޗެލްސީ އާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗު ޗެލްސީ ފަސޭހަކަމާއެކު ކާމިޔާބު ކޮށް ލީގު ތާވަލުގައި ލީޑު ފުޅާކުރި އިރު، މެންޗެސްޓާ ޔުނައިޓާޑާއި އާސެނަލް ބައްދަލުކުރި މެޗު ޔުނައިޓަޑަށް ކާމިޔާބު ކުރެވިފައި ވަނީ ގިނަ މަސައްކަތްތަކަކާ އެކީއެވެ.

އަދި މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ ޗެލްސީ، ރޭ އެޓީމުގެ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްއާއި ބައްދަލުކުރި މެޗުގެ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ވެސް އެޓީމުންނެވެ. ފުރިހަމަ ވަގުތު ނިމުނު އިރު ބޯލް ޕޮސެޝަން 74 އިންސައްތައިގާ އޮތް ޗެލްސީން އެ ޓީމްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ ފުރަތަމަ ހާފްގައެވެ.

މެޗުގެ ފަރަތަމަ ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދީފައި ވަނީ އަނިޔާގެ ސަބަބުން ދުވަސްކޮޅަކު ކުޅުމާ ދުރުގައި ހުރި ޑިއޭގޯ ކޯސްޓާ އެވެ. އެ ޓީމުގެ މިޑްފީލްޑަރު އޮސްކާ ނަގައިދިން ރީތި ހުރަހަކުން ކޯސްޓާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 11 ވަނަ މިނެޓުގައެވެ.

މެޗުގައި ޗެލްސީގެ ދެވަނަ ލަނޑު ފެނިގެން ގޮސްފައި ވަނީ 25 ވަނަ މިނެޓުގައެވެ. ސެސް ފެބްރިގާސް ނަގައިދިން ކޯނަރަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ވެސްޓް ބްރޮމްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ޗެލްސީގެ އެޑެން ހަޒާޑް އެވެ. މެޗުގައި ޗެލްސީއަށް އަވަސް ލީޑެއް ލިބިފައި ވާއިރު، މެޗުގެ 29 ވަނަ މިނެޓުގައި ވެސްޓް ބްރޮމްގެ ޔޭކޮބްއަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުން އެ ޓީމަށް އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.

މި މެޗުގައި ވެސްޓް ބްރޮމްގެ ގޯލަށް އަމާޒުކޮށް ޗެލްސީ ގިނަ ޝޮޓުތަކެއް ހަދާފައި ވާއިރު، ވެސްޓް ބްރޮމްއަށް ޗެލްސީގެ ގޯލަސް އަމާޒުކޮށް ހެދިފައި ވަނީ އެންމެ ޝޮޓެކެވެ. ނަމަވެސް 10 ކުޅުންތެރިންނާއެކު މެޗުގެ ބޮޑުބައި ކުޅުން ވެސްޓް ބްރޮމް ވަނީ ޗެލްސީން އިތުރު ލަނޑެއް ކާމިޔާބުކުރިޔަށް ނުދީ ހިފައްޓާފައެވެ. މި މެޗުގައި އެ ޓީމްގެ ކީޕަރު ބެން ފޮސްޓާގެ ފަރާތުން ވަނީ ރީތި ސޭވް ތަކެއް ފެނިފައެވެ.

ސްޓެމްފޮޑް ބްރިޖްގައި ކުޅުނު މެޗާ ހިލާފަށް އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލް އާއި މެންޗެސްޓާ ޔުނައިޓަޑް ބައްދަލުކުރި މެޗު ޔުނައިޓަޑުން ކާމިޔާބު ކޮށްފައިވަނީ އުނދަގުލުންނެވެ. މެޗުގައި އާސަނަލް ވަރުގަދަ ކުޅުމެއް ދައްކާފައި ވާއިރު، ޔުނައިޓަޑްގެ ޑިފެންސަށް ވަނީ އެކި ފަހަރުމަތިން ނުރައްކާތެރި ހަމަލާތަކަކާ ކުރިމަތިލާން ޖެހިފައެވެ.

މި މެޗުގައި ޔުނައިޓަޑަށް ލީޑު ލިބިފައި ވަނީ މެޗުގެ 56 ވަނަ މިނެޓުގައި އާސަނަލްގެ ކެރަން ގިބްސް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މި ލަނޑާއެކު އާސެނަލްގެ ހަމަލާތައް އިތުރު ކުރަން އިތުރު ކުރި ނަމަވެސް އެ ޓީމަށް ވަނީ ޔުނައިޓަޑްގެ ޑިފެންސް ފޫއަޅުވާލެވޭގޮތް ނުވެފައެވެ.

ޔުނައިޓަޑުން އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 85 ވަނަ މިނެޓުގައެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޑިފެންސަށް އިސްކަން ދީގެން ކުޅުން ޔުނައިޓަޑުގެ ވޭން ރޫނީ އެ ލަނޑު ކާމިޔާބު ކޮށްފައި ވަނީ ޑި މަރިއާގެ އެހީގައެވެ. އާސެނަލް އަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެންގޮސްފައި ވަނީ ދެވަނަ ހާފްގެ އިތުރު ވަގުތުތެރޭ އެ ޓީމްގެ ބަދަލު ކުޅުންތެރިޔާ އޮލިވާ ޖިރާޑްގެ ފަރާތުންނެވެ.

މި ކާމިޔާބީއާއެކު ޖުމުލަ 19 ޕޮއިންޓް ލިބިގެން ޔުނައިޓަޑް ވަނީ ލީގު ތާވަލުގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. ރޭގެ ނާކާމިޔާބާއެކު އާސެނަލް އޮތީ 17 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ. ނަމަވެސް ތާވަލްގައި 19 ޕޮއިންޓާއެކު ނިއުކާސްލް ވެސް އޮތްއިރު، ވެސްޓް ހޭމް އާއި ސްވަންސީ އޮތީ ތާވަލްގެ ހަ ވަނައާއި ހަތް ވަނައިގައި ހަމަ 18 ޕޮއިންޓާއެކު އެވެ.