އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން ފުރައިގެން ބ. ދަރަވަންދުއަށް ދަތުރުކުރަނިކޮށް ޕައިލެޓަށް ބޮމުގެ އިންޒާރެއް ލިބުމާ ގުޅިގެން އިމަޖެންސީގައި އަނބުރައި ހުޅުލެއަށް ޖެއްސި ފްލައިމީގެ އެއަކްރާފްޓުން ނުރައްތެރި އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑިއެފުން ނެރުނު ބަޔާނެއްގައި ބުނީ، 2014 ނޮވެންބަރު 22 ވަނަ ދުވަހުގެ ރޭ އައިއެންއައިއޭ އިން ފުރައިގެން ދަރަވަންދުއަށް ދަތުރުކުރި ފްލައިމީގެ އެއާކްރާފްޓްގެ ޕައިލެޓަށް ލިބުނު ބޮމުގެ އިޒާރަކާ ގުޅިގެން އެ ބޯޓު އަނބުރާ ހުޅުލެއަށް ޖެއްސުމުން، ބޯޓުގެ ފަސިންޖަރުންނާއި ކްރޫން ބާލައި، އެ ބޯޓު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

" ބޯޓު ސާޗްކުރުމުން އެފަދަ ނުރައްކާތެރި އެއްޗެއް ނުވަތަ އެފަދަ ކަމަކަށް ޝައްކު ކުރެވޭ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ." ގައުމީ ސަލާމަތީ ބާރުން ނެރެފައިވާ ބަޔާނުގައި ވެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާއާއި ގުޅޭ ތަހުގީގުތައް މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިއަށް ގެންދާ ކަމަށެވެ.

ރޭ 11:04 ގައި އައިއެންއައިއޭ އިން ދަރަވަންދުއަށް ދަތުރުކުރި ވިލާ އެއާގެ ވީކިއުއޭ 649 ފްލައިޓް އަނބުރާ ހުޅުލެއަށް ޖެއްސީ އެ ބޯޓުގެ ޕައިލެޓަށް ލިބުނު ބޮމުގެ އިންޒާރަކާ ގުޅިގެން 11:49ގަ އެވެ. އަދި ބޯޓު ޖެއްސުމާއެކު އެއާޕޯޓް ބަންދުކޮށް ކުއްލި ހާލަތަކަށް ގެނެވުނެވެ. އެއާޕޯޓު އަލުން ހުޅުވާފައި ވަނީ، ރޭ މެންދަމު 1:54ގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.