23 Nov 2014, 11:44
ޔޯގަޓަކީ ތަފާތު ގިނަގުނަ ވިޓަމިންސްތައް އެކުލެވިގެންވާ މީރު ކާނާއެކެވެ. މިއީ ހެނދުނުގެ ނާސްތާގެ އިތުރުން ލުއި ކާނާއެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ ދުޅަހެޔޮ ބާވަތެކެވެ. މިދެންނެވި ފައިދާތަކުގެ އިތުރަށް ހަން ރީތި ކުރުމަށް ވެސް ޔޯގަޓްގެ ބޭނުން ހިފިދާނެ އެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލާނީ ޔޯގަޓުން ހަމަށް ލިބިދޭ ފައިދާތަކާއި އަދި ހަން ރީތިކުރުމަށް ޔޯގަޓްގެ ބޭނުންކުރެވިދާނެ ގޮތަކަށެވެ.
ޔޯގަޓްއިން ލިބިދޭ ފައިދާތައް
ޔޯގަޓްގައި ހަށިގަނޑަށް ފައިދާކުރާ ތަފާތު އެތައް މާއްދާތަކެއް އެކުލެވިގެންވެެ އެވެ. އެގޮތުން ހަން ރީތިކޮށް ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާތަކުގެ ތެރޭގައި ހިމެނޭ "ކެލްސިއަމް"، "ބީ-ވިޓަމިންސް"، "ލެކްޓިކް އެސިޑް" އަދި "ޒިންކް" ޔޯގަޓްގައި ހިމެނެ އެވެ.
ޔޯގަޓްގައި ހިމެނޭ "ޒިންކް"ގެ ސަބަބުން ހަމުގައި ނަގާފައި ހުންނަ އޮށާޅަތައް ނައްތާލައި އަދި އިތުރަށް އޮށާޅަ ނެގުމުން ދުރުކޮށްދެ އެވެ. އަދި "ލެކްޓިކް އެސިޑް"ގެ ސަަބަބުން ހަން އޮމާންކޮށްދީ ސާފުކޮށްދެ އެވެ. މީގެ އިތުރަށް "ބީ-ވިޓަމިންސް" ގެ ސަބަބުން ހަމަށް އިތުރު އުޖާލާކަމެއް ގެނެސްދެ އެވެ. ހަން ހިކި، ކުރަކިވުމުން ދުރުކޮށްދޭ މާއްދާ އަކީ "ކެލްސިޔަމް"އެވެ.
ހަން އުޖާލާކޮށް ރީތިކުރުމަށް ޔޯގަޓް ބޭނުންކުރެވިދާނެ ގޮތް
މިކަމަށް ބޭނުންކުރަން ވާނީ އާދައިގެ "ޕްލެއިން" ޔޯގަޓެވެ. އެގޮތުން ދެ ސަމުސާގެ ޔޯގަޓް، ދެ ތިކި ލުބޯ ހުތް އަދި ކުޑަ މާމުއި ފޮދެއް ރަނގަޅަށް އެއްކޮށްލުމަށް ފަހު މޫނުގައި ހާކައިލާށެވެ. އަދި 10 މިނިޓް ނުވަތަ 15 މިނިޓް ވަންދެން މޫނުގެ މަސްތަކަށް ހަރަކާތް ނުކޮށް ބަހައްޓާށެވެ. އެއަށް ފަހު ފެންފޮދަކުން ދޮވެލުމަށް ފަހު މޫނުގައި "މޮއިސްޗަރައިޒާ" އެއް ބޭނުންކޮށްލައްވާށެވެ.