23 Nov 2014, 11:38
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "މަޓާޓޯ ޓްރެވަލް އެވޯޑްސް"ގެ ބައެއް އަންނަ އަހަރު ދުބާއީގައި ބާއްވަން ނިންމައިފި އެވެ.
މި އަހަރުގެ ޓްރެވަލް އެވޯޑްސް ދިނުމަށް ހުކުރު ދުވަހުގެ ރޭ ކުރުނބާ އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ މި އަހަރު ބާއްވާފައި ވަނީ ޓްރެވަލް އެވޯޑްގެ ތިންވަނަ ބުރު ކަމަށްވާ އިރު ކޮންމެ އަހަރަކު ވެސް ޓްރޭވަލް އެވޯޑް އިތުރަށް ތަރައްގީވެ ކުރި އަރަމުން އަންނަ ކަމަށާއި އަންނަ އަހަރު ޓްރެވަލް އެވޯޑްސްގެ ދެބައެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
"އަންނަ އަހަރު މަޓާޓޯ ޓްރޭވަލް އެވޯޑްސްގެ ދެބައެއް ބާއްވާނެ. ފުރަތަމަ ބައި ބާއްވާނީ ކޮކޯ ބޮޑު ހިތީގައި. އެއީ އެވޯޑްގެ ގްރޭންޑް ފިނާލޭ. ދެވަނަ ބުރު އަންނަ އަހަރު ފުރަތަމަކޮޅު ބާއްވަން ނިންމާފައި ވަނީ ދުބާއީގައި،" ގިޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކި ގޮތްގޮތުން އުނދަގޫތަކާ އެކު ވެސް މި އަހަރުގެ އެވޯޑް ދިނުން ބާއްވާފައި ވަނީ ވޭތުވެ ދިޔަ އަހަރުތަކާ އަޅާ ބަލާއިރު މާބޮޑަށް ވެސް ރަނގަޅަށް ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް އޮޑިޓް ފާމެއް ކަނޑައަޅައި އިންޓަނޭޝަނަލް މީޑިއާ ޕާޓްނަރުންގެ އެހީތެރިކަން މިއަހަރު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޓާޓޯ ޓްރޭވަލް އެވޯޑަކީ ރާއްޖޭގައި ޓޫރިޒަމް އިންޑަސްޓްރީގައި ދެމުން އަންނަ އެންމެ ޝަރަފްވެރި އެއް އެވޯޑެވެ. އެ އެވޯޑް މި އަހަރު 23 ކެޓަގަރީއަކުން ދީފައިވެ އެވެ.