ކ. ގުރައިދޫ ކައިރިއަށް ފީނަން ގޮސް އުޅުނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ގުރައިދޫ ސިއްހީ މަރުކަޒުން ބުނީ އެރަށު އޯޝަންވިލާ އަހުމަދު ހަސަން 49، ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ނަމަވެސް މަރުވާން ދިމާވީ ސަބަބެއް ސާފެއް ނުވެ އެވެ. ހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އަހުމަދު ހަސަން ފެނުނު އިރު އޮތީ މާސްކާ އެކު ކަމަށާއި ލޮނުބޮވިފައި ވެސް ނެތް ކަމަށެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމިން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އަހުމަދު ހަސަން ފެނުނީ، އެ ކައުންސިލްގެ އެދުމަކަށް އޭނާ ހޯދަމުން ދިޔަ ސްޓެލްކޯ ދޯންޏަކަށް ކަމަށެވެ. ނަމަވެސް އެ ދޯނީގައި ވެސް ތިބީ ގުރައިދޫ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ފެނުނީ އެ ރަށާ ދިމާލު ކަނޑުތެރޭ ފެންމައްޗަށް އަރާފައި އޮއްވައި ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.

އަހުމަދު ހަސަން ގެއްލިގެން ހޯދަން ފެށީ މިއަދު ހެނދުނު އޭނާގެ ދެ އެކުވެރިންނާ އެކު ޑިންގީއެއްގައި ގުރައިދޫ ކައިރީ އޮންނަ މާއްދޫ ކަނޑުއޮޅިއަށް ފީނަން ގޮސް އުޅުމުގެ ތެރޭގައި ޑިންގީގެ ވާމޮހާލަން އަޑިއަށް ދިއުމަށް ފަހު މައްޗައް ނާރައިގެން ނެވެ.