23 Nov 2014, 10:56
ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މައިލޯ ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕް 2014 ފިރިހެން ޑިވިޝަން ފައިނަލްގެ ފުރަތަމަ ޖާގަ ކެޔޮދޫ ރަށްވެހި ކްލަބު ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލްގެ ޖާގަ ކެޔޮދޫ ޓީމުން ހޯދީ ކުޅުނު ހުރިހާ މެޗުތަކަކުން މޮޅުވެގެންނެވެ. އެންމެ ފަހު މެޗު ރޭގައި ކުޅެފައިވާ އިރު އެ މެޗުން ސީދާ ތިން ސެޓާ އެކު މޮޅުވީ ކްލަބް ހާފް ލައިން ލިންކޭޖް އާ ބައްދަލު ކޮށްގެންނެވެ. އެމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވީ އެ ޓީމުގެ އަހުމަދު ފަޒީލެވެ.
މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރު ވާނީ މާދަމާ ހަވީރު ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ. ސެމީގައި ބައްދަލު ކުރާނީ ފިރިހެން ޑިވިޝަން ތާވަލުގެ ދެވަނައިގައި އަދި ތިންވަނައިގައި އޮތް ޓީމެވެ.
އަންހެން ޑިވިޝަންގެ މެޗުތައް މާދަމާރޭ ފަށާއިރު އެންމެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޔޫތު ސްޕޯޓްސް ކްލަބާއި އައިލެންޑް އޯޝަން ކްލަބެވެ.
މުބާރާތުގެ އިއްޔެ ހަވީރު މެޗެއް ކުޅެފާވާ އިރު އެ މެޗުގައި ބައްދަލު ކުރީ ޕޮލިސް ކްލަބާއި ފެލިދޫ ޒުވާން އެކުވެރިންގެ ކްލަބެވެ. ސީދާ ތިން ސެޓުން ފެލިދޫ ޓީމު މޮޅުވި އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވީ އެ ޓީމުގެ އަލީ ހުޒާމް އެވެ.
ބުދަ ދުވަހު ފެށި އެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފަ އެވެ. އެއީ އަންހެން ޑިވިޝަންގެ ފަސް ޓީމާއި ފިރިހެން ޑިވިޝަންގެ ފަސް ޓީމެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވީ، ޕޮލިސް ކްލަބާއި ގެމަނަފުށި ސްޕޯޓްސް ކްލަބާއި ފޮނަދޫ އެކުވެރިންގެ ގުޅުމާއި ކެޔޮދޫ ރަށްވެހި ކްލަބް އަދި ކްލަބް ހާފް ލައިން ލިންކޭޖޭވެ.
އަންހެން ޑިވިޝަންގައި ބައިވެރިވީ، ޔޫތު ސްޕޯޓްސް ކްލަބާއި އައިލެންޑް އޯޝަން ކްލަބާއި ބ. ގޮއިދޫ ސްކޫލާއި ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ޕޮލިސް ކްލަބެވެ.