23 Nov 2014, 10:49
މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގާނަމަ ދައުލަތުގެ އާމްދަނީ ވެސް ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި އޮތް އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ)ގެ ޕާޓީތަކުގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިތުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެން "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރަނގަޅު ހަރުދަނާ ޓެކްސް ނިޒާމެއްގެ ތެރޭގައި އާމްދަނީން ޓެކްސް ނެގެން ޖެހޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އާމްދަނީން ޓެކްސް ނަގާނީ އެކަށީގެންވާ ވަރަށް އާމްދަނީ ލިބޭ ފަރާތްތަކުންގެ އަތުން ކަމަށެވެ.
"ހަރުދަނާ ޓެކްސްގެ ނިޒާމެއްގައި ވެއްޖެނަމަ އާމްދަނީން ޓެކްސް ނެގެން ޖެހޭނެ. އަޅުގަނޑުމެން އޭރު ހުށަހަޅާފައި ވާނީ މަހެއްގެ މައްޗަށް 30،000 ރުފިޔާ ލިބޭ މީހެއްގެ އަތުން ކޮންމެ ރުފިޔާ އަކުން ތިން ލާރި ނަގަން ހުށަހެޅުނީ" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އާންމު މުސާރައަކަށް މިހާރު 30،000 ރުފިޔާ ވެސް ނުވާނެ ކަމަށެވެ. މުއްސަނދިން އަތުން ނުވަތަ ބޮޑެތި އަދަދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމުން ދައުލަތުގެ ހަރަދު ދެކޮޅިޖެހިގެން ދާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
"ދެން މިހާރު 30،000 ރުފިޔާ އެއީ އަދި އާންމު މުސާރައަކަށް ވެސް ވެގެން ނުދާނެ. އެހެންނަމަވެސް ބޮޑެތި އަދަދުން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގީމަ ދައުލަތުގެ ހަރަދު ދެކޮޅު ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވާއިރު މައި ބަޖެޓު ފޯރަމް 2015 ގެ ނަމުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި އިންކަމް ޓެކްސް ނަގާނެތޯ ސުވާލު ކުރުމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، މިގައުމަކީ އާ ޓެކްސްތަކެއް ވަރަށް އަވަހަށް ތައާރަފް ވެގެން އައި ގައުމަކަށް ވުމުން އާ ޓެކުހެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.