23 Nov 2014, 10:47
އެމެރިކާއިން ކިއުބާގެ ގުއާންޓެނާމޯބޭ ޖަލުގައި ، އެއްވެސް ޝަރީއަތެއް ހިންގުމަކާ ނުލައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ސައުދީ އަރަބިއްޔާ މީހަކު މިނިވަންކޮށްފި އެވެ.
އެމެރިކާގެ ނިއުޔޯކްޓައިމްސް ނޫހުން ބުނީ މުހައްމަދު މުރުދީ އީސާ ޒަހުރާނީ ނަމަކަށް ކިޔާ އެމީހާ މިނިވަން ކުރީ އިއްޔެ ކަމަށެވެ. އަދި ބުނީ 2002 ވަނަ އަހަރުން ފެށިގެން ހައްޔަރުކޮށްފައި ހުރި ޒަހުރާނީ މިނިވަންކުރީ ގުއާންޓެނާމޯބޭ ޖަލުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން އިތުރަށް އެތަނުގައި ބައިތިއްބަން ޖެހޭތޯ ބަލައި އެމެރިކާ ސަރުކާރުގެ ބޯޑުން އެކަމަށް ލަފާ ދިނީމައި ކަމަށެވެ. ޒަހުރާނީގެ ވަކީލުން އެބޯޑަށް ހުށަހެޅި ބަޔާނެއްގައި ބުނެފައި ވަނީ އޭނާއަކީ ބަލިވެ، އުޅޭ މެދު އުމުރުގެ މީހެއް ކަމަށެވެ. އަދި އޭނާ މާޔޫސްކަމާ އެކު އެދެމުން ދަނީ ސައުދީ އަރަބިއްޔާއަށް އަނބުރާ ދިއުމަށް ކަމަށް ވެސް ބުނެފައި ވެއެވެ. ވަކީލުން ހުށަހެޅި ބަޔާނުގައި ބުނެފައިވާ އަނެއް ވާހަކައަކީ އޭނާ އެމެރިކާގެ އެ ޖަލުގައި ހުއްޓައި އޭނާގެ ބައްޕަ ނިޔާވެފައިވާ ކަމަށާއި މިހާރު ހަމަ އެކަނި އެދޭ ކަމަކީ ބަލިވެ، އުޅޭ އޭނާގެ މަންމަ ނިޔާވުމުގެ ކުރިން ދުށުން ކަމަށެވެ.
އެމެރިކާ ސަރުކާރުގެ ބޯޑުން ޒަހުރާނީ މިނިވަން ކުރަން ފެންނަ ކަމަށް ނިންމާފައި ވަނީ މިދިޔަ އޮކްޓޯބަރުމަހު އެވެ. އެގޮތަށް ނިންމީ ސައުދީ އަރަބިއްޔާއިން ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްބަސްވުން ފަދަ ކަންކަމަށް ބަލާފަ އެވެ.
ޒަހުރާނީއަކީ ގުއާންޓެނާމޯބޭ ޖަލުން މިއަހަރު މިނިވަންކުރާ 13 ވަނަ މީހާއެވެ. ދޫކޮށްލަން ނިންމާފައިވާ 73 މީހުން ހިމެނޭ ގޮތުން 146 މީހުން އެޖަލުގައި އަދިވެސް އެބަތިއްބެވެ. އޭގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް އެމެރިކާއިން ޝަރީއަތެއް ހިންގައި، ހުކުމެއް ކޮށްފައެއް ނުވެއެވެ. އިންސާނިއްޔަތާ ހިލާފު އަނިޔާތައް ގައިދީންނަށް ދިނުމުގެ އެތައް ހާދިސާއެއް އެމެރިކާ ސިފައިން ހިންގާފައިވާ އެޖަލަށް ލީ މީހުންގެ ތެރެއިން ބައެއް މީހުން ވަނީ އެތަނުގައި މަރުވެފަ އެވެ.