23 Nov 2014, 10:23
ސ. މަރަދޫ ގެއަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ އެގޭގެ ތިން މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މަރަދޫ ގެއަކަށް މޫނު ނިވާކޮށްގެން ތިބި ތިން މީހަކު މިއަދު ހެނދުނު ވަދެ އެގޭ ބޮޑު މީހަކަށާއި ދެ އަހަރުގެ ކުއްޖަކަށާއި އަދި 16 އަހަރުގެ ކުއްޖަކަށް ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމަށެވެ.
އަދި އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެއީ ވައްކަމުގެ މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށާއި އެ މީހުން އެ ގެއަށް ވަދެ ސުވާލުކުރީ އެގޭގެ ވަކި މީހަކު ކޮބައިތޯ ކަމަށެވެ. ފުލުހުން ބުނީ އެ މީހުން ހަމަލާދީފައިވާ ކަމަށް ބެލެވެނީ ދަނގަޑު ބުރިއެއް ފަދަ އެއްޗަކުން ކަމަށެވެ.
އައްޑޫގެ ބައެއް ނޫސްތަކުން މިއަދު ބުނީ އެ ހާދިސާ ހިންގާފައި ވަނީ މިއަދު ހެނދުނު 7:30 ހާކަންހާއިރު ކަމަށެވެ. އަދި އެ ހާދިސާގައި މޫނު ނިވާކޮށްގެންތިބި ބަޔަކު ވަދެ ހަމަލާދީފައި ވަނީ އެގޭ ކުދިންގެ ބައްޕަ އަށާއި ފިރިހެން ދަރިފުޅަށް ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭވެސް މަރަދޫގައި ވަނީ މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފަ އެވެ. މަރަދޫގައި އެރޭ ހިނގި މާރާމާރީގައި ކަތިވަޅިއަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ ހިތަދޫ، ބުލްބުލާގެ، މުހައްމަދު ނަސީރު، 34، އަށެވެ. އޭނާ އަށް އަދިވެސް ދަނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.