އައިޖީއެމްއެޗުގެ ޑޮކްޓަރަކަށް މަރުގެ އިންޒާރުދިން މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މ. ނޮރަންމަ ހުސައިން މިޔާދުގެ މައްޗަށް އެ ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ރޭ 12:05 އެހައިކަންހާއިރު އައިޖީއެމްއެޗްގެ ޑިއުޓީގައި ހުރި ޑޮކްޓަރު މަދީހު މުހައްމަދު ހުސައިން މަރާލާނެ ކަމަށް ބުނެ އޭނާއަށް ބިރުދައްކައި އިންޒާރުދީފައިވާތީއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޑޮކްޓަރު މަދީހު މުހައްމަދު ހުސައިން ޑިއުޓީގައި ހުންނަވަނިކޮށް އެތަނަށް ގޮސް ކޮންޓްރޯލް ޑްރަގްސްގެ ބާވަތެއް ކަމުގައިވާ ވޭލިއަމްގެ 10 ގްރާމް 15 ދުވަހަށް ލިޔެދިނުމަށް އެދުމުން އެ ބޭސް ލިޔެދެވޭނީ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ކަމަށް އޭނާ ބުނުމުން ޑރ. އަލްތާފް ކައިރިއަށް ގޮސް ބޭސް ލިޔެދޭން އެދުމުން އެކަން ނުކުރުމަށް ޑޮކްޓަރު މަދީހު މުހައްމަދު ހުސައިން އެންގުމުން މިޔާދު އޭނާއަށް މަރުގެ އިންޒާރުދިން ކަމަށް ޝަރީއަތުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.

".... ޑޮކްޓަރު މަދީހު މުހައްމަދު ހުސައިން އަށް ބިރުދައްކައި އިންޒާރުދިނުމުގެ ކުށުން ހުސައިން މިޔާދު ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައިވާތީ މިކުށުގެ އުގޫބާތެއްގެ ގޮތުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ރ) ގެ ދަށުން މ. ނޮރަންމަ ހުސައިން މިޔާދު އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.