23 Nov 2014, 10:06
އައްޑޫ ސިޓީން ފުވައްމުކަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށްލުމާ އެކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
ސ. ހުޅުދޫ އާބާދުވިލާ ނުއުމާންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11:25 އެހައިކަންހާއިރު އައްޑޫ ސިޓީން ވުމައްމުލަކަށް ލޯންޗެއްގައި އޭނާ ދިޔުމުން ފުވައްމުލަކު ޕޮލިސްޓޭޝަނަށް އޭނާ ހާޒިރުކޮށްފައި ވަނިކޮށް އޭނާގެ އަތުން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.
އޭނާ ގޮނޑީގައި ބައިންދާފައި ވަނިކޮށް ރަބަރު ޕެކެޓެއް އެއްލާލިތަން ފެނިގެން ފުލުހުން އެ ރަބަރު ޕެކެޓު ނަގައި ލެބޯޓަރީގައި ތަހުލީލުކުރިއިރު ބަރުދަނުގައި 4.7026 ގްރާމް ޑައިމޯފިން ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ނުއުމާން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފައެވެ.