23 Nov 2014, 09:59
ރޭޒަރުތިލައެއް ގެންގުޅުނު މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ނ. މާފަރު އަލަނާސިގޭ މުހައްމަދު ޝިޔާމްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4:00 އެހާކަންހާއިރު ގ. މަސްއޮޑިގެ ކައިރިން އޭނާ ދުވެފައި ދަނިކޮށް ޑޭޒީމަގުން ފުލުހުން އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ މޯބައިލް ފޯނު ކަވަރުގެ ތެރެއިން ރޭޒަރު ތިލައެއް ފެނިފައިވާތީ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ އޭނާގެ އިއުތިރާފުން ލިބެން އޮތް މިންވަރަށާއި ހެކީންގެ ހެކިބަހާއި ގުޅިފައިވާ ގަރީނާތަކަށް ރިއާޔަތްކުރާ އިރު މަގުބޫލު ސަބަބެއް ނެތި އާންމުތަނެއްގައި އޭނާ ތޫނުއެއްޗެއް ގެންގުޅެފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މިއީ އޭނާގެ މައްޗަށް އެބާވަތުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.