23 Nov 2014, 10:01
ކާމިޔާބު ވިޔަފާރި ވެރިއެއް ނުވަތަ މޮޅު ކުރެހުންތެރިއެއް ނޫނީ ޗެމްޕިއަން އެތުލީޓެއް ކައިރީގައި އެމީހުންނަށް ލިބިފައިވާ ކާމިޔާބީގެ ސިއްރަކީ ކޮބާހޭ އަހާލުމުން ގިނަ މީހުންގެ ޖަވާބަކީ ފަތިހު ހޭލާ އެވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމެވެ. އަރާ އިރާއި އެކު ކޮންމެ ދުވަހަކު ވެސް ހޭލަން އާދަކުރުމަކީ ވަރަށް ރަނގަޅު އާދައެކެވެ. އަދި އެއީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ބާރުއަޅާފައިވާ ރިވެތި ސިފައެކެވެ. ހަމައެހެންމެ އެތައް ފައިދާއެއް ކުރުވަނިވި ކަމެކެވެ. ހެނދުނު ހެނދުނާ ހޭލަން އާދަކުރަންވީ ސަބަބުތަކެއް ތިރީގައި އެވަނީ އެވެ.
ދިރާސާތައް ދައްކާގޮތުން ހެނދުނު އަވަހަށް ހޭލުމުން މީހާގެ ހަށިގަނޑާއި ބުއްދި ތާޒާވެއެވެ. ފަތިހު ހޭލުމުން އެލިބޭ އިތުރު ވަގުތުކޮޅުގައި ހަށިގަނޑުގެ ބުންވަރު ރަނގަޅުކޮށް ބަރުދަން ލުއިކުރުމުގެ ގޮތުން ކަސްރަތު ކުރެވިދާނެ އެވެ. ކަސްރަތު ކުރުމަކީ ހުޅުހުޅުގައި ތެޔޮޖެހުން ފަދަ ކަމެކެވެ. ހެލިފެލިވާން ފަސޭހަކޮށް ހަށިގަނޑުގެ ހަކަތަ ވެސް އިތުރުކޮށްދޭ ކަމެކެވެ. އޭގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ހޯދުމުގެ ގޮތުން ޔޯގާ ވެސް ހެދިދާނެ އެވެ.
ހަމަޖެހިލައިގެން އޮފީހަށް ދާހާ ވަގުތު އޮއްވާ ހޭލުމަކީ ވެސް މުޅި ދުވަހުގެ "މޫޑު" ބަދަލުކޮށްލާ ފަދަ ކަމެކެވެ. އޮފީހަށްދާން ގަޑިޖެހެން 30 މިނެޓަށްވެފައި އޮއްވާ ހޭލުމުގެ ބަދަލުގައި ފަތިސް ނަމާދަށް ހޭލަން އާދަކުރާށެވެ. ނަމާދުކޮށްލައިގެން ފަސޭހަކަމާ އެކު ހެނދުނުގެ ސައި ވެސް ތައްޔާރުކުރެވިދާނެ އެވެ. ހެނދުނުގެ ސަޔަކީ ހަށިގަނޑަށް އެންމެ ފައިދާވާ ކެއުމެވެ.
ހެނދުނު އަވަހަށް ހޭލުމުން ލިބޭ ވަގުތުކޮޅުގައި ގޭތެރޭ ކުރަންޖެހޭ ކަމެއް އޮތް ނަމަ އެކަމެއް ނިންމާލެވިދާނެއެވެ. ހެދުނު ދޮވެ، ކުނިކަހާ ގޭތެރެ ސާފު ވެސް ކުރެވިދާނެ އެވެ. މިއީ ބުރަކޮށް އޮފީހުގައި މަސައްކަތް ކުރުމަށް ފަހު ގެއަށް އައިސް ކުރަން ޖެހިލުންވާ ފަދަ ކަންކަމެވެ. މިކަހަލަ ކަންތައް ހެނދުނު ގަޑީގައި ނިންމާލުމުން އޮފީސް ނިމިގެން ލިބޭ ވަގުތުކޮޅު ހުސްކޮށްލެވޭނެ އެވެ. އޭރުން އެވަގުތުގައި ބުރަ މަސައްކަތް ނުކޮށް އަރާމް ކޮށްލެވޭނެއެވެ.
ޔަގީނުން ވެސް ހެނދުނު އަވަހަށް ހޭލާ، އެލިބޭ ވަގުތުކޮޅުގެ ބޭނުން ރަނގަޅުގޮތުގައި ހިފާމީހާ ހުންނާނީ ރޭގަނޑުވާ އިރު ވަރުބަލިވެފަ އެވެ. ރޭގަނޑު ވަރުބަލިކަން އިހުސާސްކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ވެސް ބެލިދާނެ އެވެ. ގައިގައި ވަރެއްނެތުމަކީ އެދުވަހު ތިމާއަށް ވަރަށް ރަނގަޅަށް މަސައްކަތްކުރެވިއްޖެ ކަމުގެ ޔަގީންކަމެވެ. އަދި ރޭގަނޑު އަވަހަށް ނިދަން އާދަވެ ކޮންމެ ރެޔަކު ވެސް ފުރިހަމަ ނިދި ލިބިގެންދާނެ ކަމެކެވެ.
އަވަހަށް ހެނދުނު ހޭލުމުން އެކަނިވެރިވެލަން ވެސް ވަގުތުކޮޅެއް ލިބެ އެވެ. ދުވާލު އެއްކޮށް މީހުންނާއި އެކު އުޅެ، މީހުން ވިސްނާނެ އެއްޗަކާ މެދު ފިކުރުކޮށް އެހެން މީހުންގެ ކަންކަމައިގެން އުޅުމުން ގިނަ ފަހަރު އޮންނަނީ އަމިއްލަ މީހާއަށް ދޭންޖެހޭ ވަގުތު ނުދެވިފަ އެވެ. ހެނދުނު އަވަހަށް ހޭލާ އަމިއްލަ ނަފްސާ މެދު ވިސްނާ، ތިމާ މީހާގެ ކިބައިގައި ރަނގަޅު ކުރަން ހުރި ކަމެއްވެއްޖެ ނަމަ އެކަމެއް ރަނގަޅުކޮށް، ދިރިއުޅުމުގައި ކުރިއެރުން ހޯދުމަށް އަޒުމެއް ކަނޑައެޅުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ.