ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އައްޑޫ ސިޓީގެ ހުޅުދޫ ކޯޓުގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފިއެވެ.

މިއަދު 10:00 ގައި ބާއްވަން ތާވަލްކުރި އެ މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކީން ހާޒިރުނުކުރެވޭތީއެވެ.

އެ މައްސަލައާ ގުޅިގެން ގުޅިގެން 13 މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ. އެ މީހުންނަކީ ސ. ހުޅުދޫ މަދަރުސާދޮށުގޭ ވިޝާހު އަލީ އާއި އެރަށު ކުދީނާގޭ އަހްމަދު ރިޔާހު އާއި އެރަށު ކުދިމާގޭ އަބްދުﷲ ވާސިގު އާއި އެރަށު ކޮކާހަނދުވަރު އިލްޔާސް ފުއާދު އާއި އެރަށު ނާދީ މުޒުލިފް ޖައުފަރު އާއި އެރަށު ކުރިކީލަގޭ އަލީ ރުޝްދީ އާއި އެރަށު ވެލްބޭކްރެސެންޓް އަލީ މަނިކުފާނު އާއި އެރަށު ސައިފަތްމާގޭ ޝަރުހޫދު އާއި އެރަށު އައްސޭރިވިލާ އަހްމަދު ހާރޫން ހުސައިން އާއި އެރަށު ސީވޭވް އިބްރާހީމް ސަމާހު އާއި އެރަށު ސަންފްލާވާ އަހްމަދު އިފްޒާލްގެ އިތުރުން އެރަށު ކަޅުމަގިގޭ މޫސާ ޒުބައިރެވެ

އެ މީހުންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ 8 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު ސ. ހުޅުދޫ ކޯޓު ދޮށަށްއެއްވެ، ކޯޓުގެ އިމާރާތަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ މާއްދާގައި ބުނެފައި ވަނީ އެފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.