އދ. މަޖިލިސް (ނޮވެމްބަރު 23): މިޔަންމާގައި ނިކަމެތިކޮށްލެވިފައިވާ އެގައުމުގެ ބައިމަދު ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތަކަށް ގޮވާލައި އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކޮމިޓީން ގަރާރެއް ފާސްކޮށްފި އެވެ.

މިގަރާރު، މިޔަންމާ ސަރުކާރަށް ގޮވާލަނީ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެން ޖެހޭ މިޔަންމާގެ ރައްޔިތު ކަމުގެ ހައްގުން އެމީހުން މަޙްރޫމް ނުކުރުމަށާއި އެހައްގު އެމީހުންނަށް ދިނުމަށެވެ. މިގޮތުން ރޮހިންގްޔާ މުސްލިމުން މިޔަންމާގެ ރައްޔިތުންގެ ގޮތުގައި ހަމަޖައްސައި މިކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް އެމީހުންނަށް ދިނުމަށާއި އެމީހުންނަށް ލިބެމުންދާ އަނިޔާތަކުން އެމީހުން ޙިމާޔަތް ކުރުމަށް ވެސް މިގަރާރު މިޔަންމާ ސަރުކާރަށް ގޮވާލަ އެވެ. މީގެ އިތުރުން ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ މެދު ގެންގުޅޭ ތަފާތުކުރުމާއި ނަސްލީ އިމްތިޔާޒު ނިމުމަކަށްގެނަސް މިޔަންމާގެ އެހެންވެސް ރައްޔިތުންނެކޭ އެއްގޮތަށް ހަމަހަމަކަމާއި އިންސާފާ އެކު އެމީހުންނާ މުއާމަލާތް ކުރުމަށް ވެސް މިގަރާރު މިޔަންމާގެ ސަރުކާރަށް ގޮވާލަ އެވެ.

ނަމަވެސް މިގަރާރު ފާސްކޮށްފައި ވަނީ މިއަށް ޢަމަލުނުކޮށްފި ނަމަ މިޔަންމާގެ ސަރުކާރާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދޭފަދަ ވަރުގަދަ ގޮތަކަށްނޫނެވެ. އދ. ގައި ހިމެނޭ އިސްލާމީ ގައުމުތަކުން (އޯއައިސީ ގައި ހިމެނޭ 57 ގައުމު) އިން ވަނީ މިއަށްވުރެ ހަރުކަށިކޮށް ރޮހިންގްޔާ މުސްލިމުންގެ ނިގުޅައިގެންފައިވާ ހައްގުތައް ކަށަވަރު ކުރުމަށް ބާރުއަޅާގޮތަށް މިގަރާރުގެ އިބާރާތްތައް ބަދަލުކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކާއި އެހެން ބައެއް ގައުމުތަކުގެ ދެކޮޅު ހެދުންތަކާއެކު އިސްލާމީ ގައުމުތަކަށް މިކަން ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

އދ.ގެ މިގަރާރުގައި ރޮހިންގްޔާ މުސްލިމުންގެ އިތުރުން މިޔަންމާގައި ދިރިއުޅޭ އެނޫން ބައިމަދު ޖަމާއަތްތަކު ހައްގުތައް ކަށަވަރުކޮށް ދިނުމަށް ވެސް އެގައުމުގެ ސަރުކާރަށް ގޮވާލާފައިވެ އެވެ. އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީއަށް މިގަރާރު ހުށަހެޅީ ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުންނެވެ. އެކޮމިޓީން ފާސްކުރި މިގަރާރު އަންނަ ޑިސެމްބަރު މަހު އދ. ގެ ޖެނެރަލް އެސެމްބްލީއަށް ހުށަހެޅުމަށްވަނީ ހަމަޖެހިފަ އެވެ. މިޔަންމާގެ ބައިމަދު ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންގެ އަދަދު ހަތް ލައްކައަށް އެރިނަމަވެސް އެއީ ދުނިޔޭގައި އެންމެ ބޮޑަށް އިންސާނީ އަދި ސިޔާސީ ހައްގުތައް ނިގުޅައިގަނެ ނިކަމެތި ކޮށްލެވިފައިވާ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް އދ. ން ބުނެ އެވެ.

މިޔަންމާގެ ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ހަރުކަށި ޚިޔާލުގެ ބުޑިސްޓުން ގެންދަނީ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ. މީގެތެރޭގައި ރޮހިންގާ މުސްލިމުންގެ ގެދޮރާއި މުދަލުގައި ހުޅުޖެހުމާއި އެމީހުންނަށް ހަމަލާދީ އަނިޔާ ކުރުމާއި އެމީހުން ވަޒަނުން ބޭރުކޮށްލުން ހިމެނެ އެވެ. ބުޑިސްޓުންގެ މިއަނިޔާތައް ރޮހިންގްޔާ މުސްލިމުން ތަހައްމަލް ކުރަމުން ގެންދާތާ ބައިގަރުނަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވާއިރު ވެސް އެމީހުންގެ ހައްގުގައި އދ. އާއި ދުނިޔޭގެ ބޮޑެތި ބާރުތަކަށް ކުރެވިފައިވާ ކަމެއްނެތެވެ. އަދި އިސްލާމީ ގައުމުތައްވެސްވަނީ ރޮހިންގްޔާ މުސްލިމުން ޙިމާޔަތް ކުރުމުގައާއި އެމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ނާކާމިޔާބު ވެފަ އެވެ. (އަލްޖަޒީރާ)