ވޮޝިންޓަން (ނޮވެމްބަރު 23): މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ފަހު އަފްޣާން ސިފައިން ތަމްރީން ކުރުމަށްޓަކައި ބޭތިއްތުމަށް ހަމަޖެހިފައިވާ އެމެރިކާ ސިފައިން ގެ މުދައްރިބުން އަފްޣާނިސްތާނުގައި ހިންގާ ޢަސްކަރީ އޮޕަރޭޝަންތައް ނެރުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކުރައްވަމުން އެމެރިކާގެ އަސްކަރީ މަސްއޫލުވެރިން ވިދާޅުވީ 2014 ވަނަ އަހަރަށް ފަހު އަފްޣާން ސިފައިން ތަމްރީން ކުރުމަށް ޓަކައި ކާބުލްގައި ބައިތިއްބާ އެމެރިކާ ސިފައިންގެ މުދައްރިބުން، ތާލިބާނުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރި ކުރުވުމަށް ރައީސް ބަރަކް އޮބާމާ ނިންމަވާފައިވާ ކަމުގަ އެވެ. އަދި މިފަދަ އޮޕަރޭޝަންތަކުގައި ބައިވެރިވާ އެމެރިކާގެ މުދައްރިބުންނަށް ބޭނުންވާ ވައިގެ ޙިމާޔަތް ދިނުމަށް ވެސް އޮބާމާ ނިންމަވާފައިވާ ކަމަށާ މިއީ އަފްޣާނިސްތާނުގައި ބައިތިއްބާ އެމެރިކާ ސިފައިންގެ މުދައްރިބުން (ތަމްރީން ދޭމީހުން)ގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ބަރަކް އޮބާމާ ނިންމެވި ނިންމެވުމެއް ކަމަށް ވެސް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވި އެވެ.

ކުރިން އޮބާމާ ނިންމަވާފައި ވަނީ އަފްޣާނިސްތާނުގައި ހިންގާ އަސްކަރީ އެއްވެސް އޮޕަރޭޝަނެއްގައި އެމެރިކާ ސިފައިންގެ މިފަދަ މުދައްރިބުން ބައިވެރި ނުކުރުމަށާއި އެމީހުންގެ މަސައްކަތަކީ ހަމައެކަނި އަފްޣާން ސިފައިންނަށް ތަމްރީނާއި ހުނަރު ފޯރުކޮށްދިނުން ކަމުގަ އެވެ. އެހެންކަމުން މިއީ އަފްޣާނިސްތާނާ މެދު އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް ގެނައި ވަރަށް ބޮޑު ބަދަލެއްކަމަށް މުޙައްލިލުން ސިފަކުރެ އެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ފަހު 8 ހާހާއި 10 ހާހާ ދެމެދުގެ އަދަދެއްގެ އެމެރިކާގެ އަސްކަރީ ތަޖްރިބާކާރުންނާއި މުދައްރިބުން އަފްޣާނިސްތާނުގައި ބޭތިއްބުމުގެ އެއްބަސްވުމެއްގައި އެމެރިކާ ސަރުކާރާއި އަފްޣާން ސަރުކާރާ ދެމެދު މިދިޔަ މަހު ވަނީ ސޮއިކޮށްފަ އެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށް އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރުޒާއި ދެކޮޅު ހެއްދެވުމުން އެއެއްބަސްވުމުގައި ސޮއިކުރެއްވީ އަފްޣާނިސްތާނުގެ އައު ރައީސް އަޝްރަފް އަބްދުލްޣަނީ އެވެ. ޣަނީ ވަނީ އެމެރިކާގެ ހުރިހާ ޝަރުތުތަކެއް ގަބޫލުކުރެއްވުމަށް ފަހު އެ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ. (ރޮއިޓާސް)