23 Nov 2014, 02:26
އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ފުރައިގެން ބ. ދަރަވަންދުއަށް ދަތުރުކުރި ފްލައިމީ ގެ އެއާކްރާފްޓް އަނބުރާ ހުޅުލެއަށް ޖެއްސީ، އެ ބޯޓްގެ ޕައިލެޓަށް ލިބުނު "ބޮމް ތްރެޓް" އަކާ ގުޅިގެން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑިއެފުން ނެރުނު ބަޔާނެއްގައި ބުނީ، 2014 ނޮވެންބަރު 22 ވަނަ ދުވަހުގެ ރޭ 11:04 ގައި އައިއެންއައިއޭ އިން ދަރަވަންދުއަށް ދަތުރުކުރި ވިލާ އެއާގެ ވީކިއުއޭ 649 ފްލައިޓް އަނބުރާ ހުޅުލެއަށް ޖެއްސީ އެ ބޯޓުގެ ޕައިލެޓަށް ލިބުނު ބޮމުގެ އިންޒާރަކާ ގުޅިގެން ކަމަށެވެ.
"...ޕައިލެޓަށް ލިބުނު ބޮމް ތްރެޓަކާއި ގުޅިގެން، ބޯޓު އަނބުރާ 2349 ގައި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސައި، ބޯޓުން ދަތުރުކުރި 11 ފަސިންޖަރުންނާއި 3 ކްރޫން ވަނީ ސަލާމަތްތެރިކަމާއެކު އެމް.އެން.ޑީ.އެފް ގެ ބެލުމުގެ ދަށުން ބާލާފައެވެ." އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އިތުބާރު ހުރި މަސްދަރަކުން 'ސަން'އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހުޅުލެއިން ފުލައިމީގެ ބޯޓު ފުރި ފަހުން އެ ބޯޓުގައި ބޮމެއް އޮތް ކަމަށް ބުނެ ގަނޑުކޮޅެއްގައި ލިޔެފައިވާ މެސެޖެއް ބޯޓުގެ ޕައިލެޓަށް ވަނީ ލިބިފައެވެ. އަދި އެ އިންޒާރާއެކު ޕައިލެޓް ވަނީ ބޯޓު އަނބުރާ ހުޅުލެއަށް ޖައްސާފައެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ، ހަމަޖެހިފައިވާ އުސޫލުން މިހާރު ދަނީ އެއާކްރާފްޓް ބަލައި ފާސް ކުރަމުން ކަމަށާއި މި ތްރެޓާއި ގުޅިގެން ކުރަންޖެހޭ ހުރިހާ ތަޙުގީގުތައް ކުރިއަށް ދާތީ، މިކަމާގުޅޭ ތަފުސީލުތައް ފަހުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުލުހުންގެ ތަހުގީގު ޓީމެއް އެއާޕޯޓްގައި ހަރަކާތްތެރިވަމުން އެބަ ދާ ކަމަށާއި، ފަހުން އިތުރު މައުލޫމާތު ހާމަކުރައްވާނޭ ކަަމަށެވެ.