23 Nov 2014, 01:55
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ފުރައިގެން ބ. ދަރަވަންދުއަށް ދިޔަ ފްލައިމީގެ ބޯޓެއް އިމަޖެންސީގައި އަނބުރާ ހުޅުލެއަށް ޖެއްސުމާއެކު މުޅި އެއާޕޯޓް ކުއްލި ހާލަތަކަށް ގެނައުމަށް ފަހު އަލުން ހުޅުވައިފި އެވެ.
އެއާޕޯޓްގެ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ، ދަރަވަންދުއަށް ދަތުރުކުރި ފްލައިމީގެ އެ ބޯޓު އަނބުރާ ޖެއްސީ، "ކޮމިއުނިކޭޝަން މައްސަަލައެއް ދިމާވެގެން" ކަމަށެވެ.
"ފްލައިމީގެ ބޯޓަކަށް ކޮމިއުނިކޭޝަން މައްސަލައެއް ދިމާވުމާ ގުޅިގެން މިރޭ 11:49 ކަންހާއިރު، އިމަޖެންސީގައި އެ ބޯޓު އަނބުރާ ހުޅުލެއަށް ޖެއްސުމާ ގުޅިގެން އެއާޕޯޓް ކުއްލި ހާލަތަށް ގެނައީ. ސަލާމަތީ ބާރުތަކުން އެއާޕޯޓްގައި ހަރަކާތްތެރި ވާތީ، އިތުރު މައުލޫމާތު ހާމަކުރައްވާނީ އެފަރާތްތަކުން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއާޕޯޓް މިހާރު އާންމު ހާލަތަށް ގެނެސް އަލުން ހުޅުވާފައިވާފައި ވަނީ، މިރޭ މެންދަމު 1:54 ގައި ކަމަށެވެ.