23 Nov 2014, 00:49
ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި އެސްޓީއޯ ނޫފަހި 39 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ދެ ޖިންސުގެ ޓީމް ޗެންޕިއަންކަން ކްލަބް އޯލް ސްޓާއިން ހޯދައިފި އެވެ.
ކްލަބް އޯލް ސްޓާއިން މި މުބާރާތުގެ ޓީމް ޗެންޕިއަންކަން ހޯދާފައި ވަނީ މި މުބާރާތުގައި ބޭއްވި 16 ޓީމް އިވެންޓުގެ ތެރޭން 14 އިވެންޓް ކާމިޔާބުކޮށްގެނެވެ. މި މުބާރާތުގައި ބޭއްވި ދެ ޖިންސުގެ 400 މީޓަރު ފްރީސްޓައިލް ރިލޭވެސް އެ ޓީމުން ކާމިޔާބުކޮށްފައި ވާއިރު، 400 މީޓަރުގެ މެޑްލީ ރިލޭ ވަނީ ކްލަބް އޯލް ސްޓާގެ ފިރިހެން ޓީމު ކާމިޔާބު ކޮށްފައެވެ. މި އިވެންޓް ކާމިޔާބު ކޮށްފައިވާ އަންހެން ޓީމަކީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން ޓީމެވެ.
ޓީމް އިވެންޓުތަކުގެ އިތުރުން ކްލަބް އޯލް ސްޓާގެ ފެންތުންތެރިން ވަނީ އިތުރު ގިނަ އިވެންޓުތަކެއްވެސް ކާމިޔާބު ކޮށްފައެވެ. އެގޮތުން އެ ޓީމްގެ މުބާލް އައްޒާމް އިބްރާހިމް އާއި ފާތިމަތު ޒުހުރާ އިސްމާއިލް ދެ ޖިންސުގެ 200 މީޓަރު ފްރީސްޓައިލް ޓީމް އިވެންޓް ކާމިޔާބު ކޮށްފައި ވާއިރު، ދެ ޖިންސުގެ 100 މީޓަރު އިންޑިވިޖުއަލް މެޑްލީ ޓީމް އިވެންޓު ކާމިޔާބުކޮށްފައި ވަނީ އެޓީމްގެ ފާތިމަތު ޒުހުރާ އިސްމާއިލް އާއި ނިޝްވާން އިބްރާހިމް އެވެ. އަދި މި އިވެންޓުގެ ދެ ޖިންސުގެ 400 މީޓަރު ރޭސް ކާމިޔާބުކޮށްފައި ވަނީ އެ ޓީމްގެ އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހިމް އެވެ.
މީގެ އިތުރުން އެ ޓީމްގެ އައިމިނަތު ޝަޖަން އާއި ނިޝްވާން އިބްރާހިމް މުބާރާތުގެ ދެ ޖިންސުގެ 50 މީޓަރު ފްރީސްޓައިލް ޓީމް އިވެންޓް ކާމިޔާބު ކޮށްފައި ވާއިރު، ޝަޖަން އާއި އެ ޓީމްގެ މުހައްމަދު ނަޒްރާން ނަޒީރް ވަނީ ދެ ޖިންސުގެ 100 މީޓަރު ބަޓަފްލައީ ޓީމް އިވެންޓް ކާމިޔާބު ކޮށްފައެވެ. އަދި އެ ޓީމްގެ މުބާލް އައްޒާމް އިބްރާހިމް ވަނީ 400 މީޓަރު ފްރީސްޓައިލްގެ ފިރެހެން އިވެންޓް ކާމިޔާބު ކޮށްފައެވެ.
މި މުބާރާތުގެ އެކި އުމުރުފުރާގެ އިވެންޓުތަކަށް ބަލާލާއިރު، 12 އަހަރުން ދަށުގެ 200 މީޓަރު ފްރީސްޓައިލްގެ އަންހެން އިވެންޓް ކާމިޔާބު ކޮށްފައި ވަނީ އީމާ މުހައްމަދު ފަހުމީ އެވެ. އަދި 200 މީޓަރު ފްރީސްޓައިލް ފިރިހެން އިވެންޓް މި އުމުރުފުރާއިން ކާމިޔާބު ކޮށްފައި ވަނީ ހުމާމް ހުސެއިން ހަލީމް އެވެ. އަދި 14 އަހަރުން މަތީގެ 200 މީޓަރު ފްރީސްޓައިލް އަންހެން އިވެންޓް އައިމިނަތު ޝަޖަން ކާމިޔާބު ކޮށްފައި ވާއިރު، 14 އަހަރުން ދަށުގެ މި އަވެންޓް ކާމިޔާބު ކޮށްފައި ވަނީ އަންމާއު އަހުމަދު ސަލީމް އެވެ.
މުބާރަތުގައި 12 އަހަރުން ދަށުގެ 50 މީޓަރު ފްރީސްޓައިލް ކާމިޔާބު ކޮށްފައިވާ އަންހެން ފެތުންތެރިއަކީ ހަމްނާ އަހުމަދު އެވެ. އަދި 12 އަހަރުން ދަށުގެ ފިރެހެނ އިވެންޓް މުހައްމަދު ރާއިން އަބްދުއްސައްތާރު ކާމިޔާބުކޮށްފައި ވާއިރު، 14 އަހަރުން ދަށުގެ 50 މީޓަރު ފްރިސްޓައިލް ކާމިޔާބު ކޮށްފައިވާ ފިރިހެން ފެތުންތެރިއަކީ މުބާލް އައްޒާމް އިބްރާހިމް އެވެ. މުބާރާތުގެ 14 އަހަރުން މަތީގެ 50 މީޓަރު ފްރީސްޓައިލް އަންހެން އިވެންޓް އައިޝަތު ސާޖިނާ ކާމިޔާބު ކޮށްފައި ވާއިރު، މި އިވެންޓް ކާމިޔާބުކުރި ފިރިހެން ފެތުންތެރިއަކީ މުހައްމަދު ނައްވާރް އިބްރާހިމް އެވެ.
މި މުބާރާތުގެ 14 އަހަރުން ދަށުގެ 50 މީޓަރު ފްރީސްޓައިލް އަންހެން އިވެންޓް ކާމިޔާބު ކޮށްފައި ވަނީ އަންމާއު އަހުމަދު ސަލީމް އެވެ. އަދި 15 އަހަރުން ދަށުގެ 100 މީޓަރު ބަޓަފްލައި ފިރިހެން އިވެންޓް ކާމިޔާބު ކޮށްފައި ވަނީ އާލް އުލްވާން އެވެ.
މިމަހުގެ 16 އިން 22ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި މިފަހަރު 13 ޓީމަކުން ވާދަކޮށްފައި ވެއެވެ. އަދި މުޅިއެކު 140 އިވެންޓް ބޭއްވި މި މުބާރަތުގައި ރާއްޖޭގެ 146 ފެތުންތެރިން ބައިވެރިވެފައި ވެއެވެ.