23 Nov 2014, 00:25
ކައިރި މުސްތަގުބަލެއްގައި "އިންކަމް" ޓެކްސް ނުނަގާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ކޮށްފި އެވެ.
"މައި ބަޖެޓު ފޯރަމް 2015" ގެ ނަމުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި އިންކަމް ޓެކްސް ނަގާނެތޯ ސުވާލު ކުރުމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، މިގައުމަކީ އާ ޓެކްސްތަކެއް ވަރަށް އަވަހަށް ތައާރަފް ވެގެން އައި ގައުމަކަށް ވުމުން އާ ޓެކުހެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
"މިވަގުތު ސަރުކާރުގެ ވިސްނުމަކީ އިތުރު އާ ޓެކްސްތަކެއް ތައާރަފް ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން އެބަޖެހޭ ހަމަޖެހެން،" މުނަށްވަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިހާރުގެ ޓެކްސް ނިޒާމްގެ މައްސަލަތައް ހައްލު ކުރުމަށްފަހު ނޫނީ އިތުރު ޓެކްސްތަކެއް ތައާރަފް ކުރުމުގެ ވިސްނުމެއް ސަރުކާރަކުނުގެންގުޅޭ ކަމަށާއި ނަމަވެސް "އޭގެ މާނައަކީ ފަހުން ބަދަލު ނުވާނެއެކޭވެސް ނޫން" ކަމަށެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ކޮންސްޓްރަކްޝަން ޖަމިއްޔާ މަސީ، ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، އިންކަމް ޓެކްސް އަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި ކޮންމެވެސް ހިސާބެއްގައި ރާއްޖެއަށް އެ ޓެކްސް ތައާރަފް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެ ޓެކްސް ތައާރަފް ކުރުމަށް މުއްދަތެއް ދޭން ޖެހޭކަމަށް ވިދާޅުވި އެވެ.
"އެބަޖެހޭ ހަރަދު ކުޑަކޮށް ހަރުދަނާ ކުރަން. އެހެންކަމުން ޓެކްހެއް ތައާރަފް ކުރެވޭއިރު އަޅުގަނޑަށް ހީވަނީ ޓައިމް ޕީރިއެޑެއް އައުމަކީ މުހިންމުކަމެއް ހެން،" ޖަނާ ވިދާޅުވި އެވެ.
އެސުވާލުގެ ޖަވާބުގައި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ނައިބް ރައީސް އިސްމާއިލް އާސިފް ވިދާޅުވީ، ފަގީރުންނާއި މުއްސަދިންގެ ފަރަގު ކުޑަކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅަކީ ސަބްސިޑީ ޓާގެޓު ކުރުން ކަމަށެވެ.
ޕްރޮގްރަސިވް ޓެކުހެއް ނަގާ ނަމަ އެންމެ ރަނގަޅު ޓެކްހަކަށް ވާނީ އިންކަމް ޓެކްސް އެވެ. މީގެ ހަތަރު އަހަރު ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި އިންކަމް ޓެކްސް ނެގުމަށް ނިންމާފައިވާ ކަމަށް އިއުލާން ކުރި އެވެ. އެ ފަހަރު މަހަކު 30،000ރ. އަށް ވުރެއް މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ނެގުމަށް ވާހަކަ ދެކެވުނެވެ. އެގޮތުން މަހަކު 30،000ރ. އިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުން، ތިން ޕަސެންޓާއި 10 ޕަސަންޓާ ދޭތެރޭގެ ބޭންޑަކުން ޓެކްސް ނެގުމަށް އޭރުގެ ސަރުކާރުން އިއުލާންކުރި އެވެ.