23 Nov 2014, 00:12
ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓަކީ ވިޔަފާރިވެރިންނަށް ވަރަށް ފަހި ބަޖެޓެއް ކަމަށް މޯލްޑިވްސް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު މިރޭ ވިދާޅުވެއްޖެ އެވެ.
މައި ބަޖެޓް ފޯރަމް 2015ގައި ވާހަކަފުޅުދައްކަވަމުން ޖަނާ ވިދާޅުވީ، ބޮޑެތި ރިސޯޓްތަކުގެ މަޝްރޫއުތަކަށް ތަކެތި ގަނައުމުގައި ޑިއުޓީ މައާފްކޮށްދިނުމަކީ ވިޔަފާރިވެރިންނަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ހަމައެއާކު ސަބްސިޑީގެ ގޮތުގައި ހިމެނޭ ބައިތައް ރިސޯޓްތަކުގެ ޕްރޮޖެކްޓުތަކަށް ކުރެވޭ ހަރަދުތަކުން އުނިކުރުމަކީ ވިޔަފާރިވެރިން މަރުހަބާ ކިޔާނެ ކަމެއް ކަމަށް ޖަނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަހަލަ މީހުން ހަމަ ވަރަށް ވެލްކަމް ކުރާ ކަމެއް އެއީ. އޯވަރޯލްކޮށް އެއްޗެއް ދަންނަވާ ކަމަށް ވަންޏާ ބުނެވޭނީ މި ބަޖެޓަކީ ވިޔަފާރިވެރިންނަށް ވަރަށް ފަހި ބަޖެޓެކޭ. އަދި ހަމައެއާއެއްކޮށް ސަރުކާރުގެ ޕޮލިސީސްތަކުގެ ތެރެއިން މިހާރު އިއުލާންކޮށްފައި އޮތް ބޮޑެތި ރިސޯޓް ހިންގާ މަޝްރޫއުތަކަށް ޑިއުޓީ ފްރީކޮށް އެއްޗެހި ގެނައުމަކީ ވަރަށް މުހިއްމު ކަމެއް" ޖަނާ ވިދާޅުވި އެވެ.
ޖަނާ ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޮޑެތި ކުންފުނިތަކަށް ސަބްސީޑީ ދިނުން ހުއްޓާލާފައިވާ ކަމަށެވެ. ދުނިޔޭގެ އިކޮނޮމިސްޓުން ގަބޫލުކުރާ ގޮތުގައި އެގޮތަށް ސަބްސިޑީ ދިނުމުން އިންފްލޭޝަން މައްޗަށްދާ އޭނާ ވިދާޅުވި އެވެ. ޖަނާ ވިދާޅުވީ، ރާއްޖޭގެ އިންފްލޭޝަން މިހާރު އޮތީ ވަރަށް ބޮޑުތަށް ކުޑަކުރެވިފައި ކަމަށެވެ.
"ރާއްޖޭގެ އިގްތިސާދީ ދުވެލި އަންނަ އަހަރު ހުރީ 8 ޕަސެންޓުން 10.5 ޕަސެންޓަށް ބޮޑުވާ ގޮތަށް. މީގެ ރިކަރަންޓް ހަަރަދު ކުޑަކޮށްފައި ކެޕިޓަލް އެކްސްޕެންޑިޗަރ ބޮޑުވީމަ މިވާ ގޮތަކީ މާކެޓް ތެރޭގައި ދައުރުވާ ފައިސާ ގިނަވެގެންދޭ،" މަޝްހޫރު ވިޔަފާރިވެރިޔާ ޖަނާ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ބަލާ އިރު ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން މިހާރު ނަގާ 150 ޕަސެންޓް ޑިއުޓީ 300 ޕަސެންޓަށް ބޮޑު ކުރަން ނިންމާފައިވެ އެވެ. އަދި ކާރުން މިހާރު ނަގާ 100 ޕަސެންޓް ޑިއުޓީ ވެސް 150 ޕަސެންޓަށް ބޮޑުކުރުމަށް ނިންމާފައިވެ އެވެ.