22 Nov 2014, 23:03
ސާކް ގައުމުތަކުގެ ވަކިވަކި ސަރަހައްދީ މަރުކަޒުތައް ބަންދުކޮށް، އެ މަރުކަޒުތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަށް މިއަދު ބޭއްވި ސާކް ޕްރޮގްރާމިން ކޮމިޓީގެ 49 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ހުށައަޅައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކުރިއަށް އޮތް 18 ވަނަ ސާކު ސަމިޓަށް ތައްޔާރުވުމުގެ ގޮތުން މިއަދު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖެއިން އިސްނަގައިން މިފަދަ ހުށަހެޅުމެއް ހުށައަޅާފައި ވަނީ، ސަރަހައްދީ ބާރެއްގެ ގޮތުގައި ސާކް އިތުރަށް ވަރުގަދަކޮށް، އެ މުއައްސަސާ ހިންގުމަށް އިތުރު ފަސޭހަތަކެއް ގެނައުމުގެ މަގްސަދުގައި ކަމަށެވެ.
މިއަދުފެ އެ ބައްދަލުވުގައި ސާކް ގައުމުތަކުގައި އެންވަޔަރަންމަންޓް އެންޑް ޑިޒާސްޓާ މެނޭޖްމަންޓްގެ އާ ސެންޓަރުތައް ގާއިމް ކުރުމާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައި ވެއެވެ. އަދި ސާކްގެ މަސައްކަތްތައް އިތުރަށް ރަނގަޅުކޮށް، ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރުމާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައި ވެއެވެ.
މިއަދުގެ އެ ބައްދަލުވުން އިފްތިތާހް ކޮށްދެއްވާފައި ވަނީ މި ކޮމިޓީގެ ޗެއާޕާސަން އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓެރީ ފަރްޒާނާ ޒާހިރު އެވެ.
މި ބައްދަލުވުން އިފްތިތާހް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަރްޒާނާ ވަނީ ރާއްޖެއިން މި ކޮމިޓީގެ ޗެއާ ޕާސަންކަން ކޮށްފައިވާ މުއްދަތުގައި ސާކްގެ މެމްބަރު ގައުމުތަކުން ރާއްޖެއަށް ދިފައިވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ސާކް ގައުމުތަކުގެ ޕްރޮގްރާމިން ކޮމިޓީގެ 49 ވަނަ ބައްދަލުވުމަށްފަހު، އެ މުއައްސަސާގެ ސްޓޭންޑިން ކޮމިޓީގެ ބައްދަލުވުންތަކެއްވެސް ވަނީ ކުރިއަށް ގެންދަން ހަމަޖެހިފައެވެ. މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 އަދި 24 ގައެވެ.
މިފަހަރުގެ ސާކް ސަމިޓް ބާއްވަން ހަމަޖެހިފައިވަނީ، މިމަހުގެ 26-27 މި ދެދުވަހު ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައެވެ.