ނިޔުޔޯކް (ނޮވެމްބަރު 23) : އެބޯލާ ވައިރަސް ފެތުރެމުން ދިޔުމަކީ ދުނިޔޭގެ އަމްނާއި ސަލާމަތަށް ކުރިމަތިވެފައިވާވަރަށް ބޮޑު ބިރެއްކަމަށް ސިފަކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

އޮސްޓްރޭލިޔާ އިން ހުށަހެޅި މިގަގާރު ބުނަނީ އެބޯލާ ވައިރަސް ފެތުރެމުންދާ ގައުމުތައް އެކަހެރިކުރުމަށް އެހެން ގައުމުތަކަށް މަޖްބޫރުވާ ކަމަށާ މިކަމުގެ ސަބަބުން އެގަައުމުތައް އެކަހެރިވެ ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ގުޅުންތަކާއި ވިޔަފާރީއާއި ދަތުރުފަތުރުގެ ގުޅުންތަކަށް ބުރޫއަރައި އިންސާނީ ޙަޔާތާއި ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާ ކަމުގަ އެވެ. ސަލާމަތީ މަޖިިލީހުން މިގަރާރު ފާސްކޮށްފައި މިވަނީ ހުޅަނގު އެފްރިކާގެ ގައުމުތަކުގައި އެބޯލާ ފެތުރުން ކޮންޓްރޯލް ނުވާ ކަމަށާއި އެބަލީގައި މަރުވަމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މައްޗަށްދާ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިޔޫއެޗްއޯ އިން ދީފައި ވަނިކޮށެވެ.

އެބޯލާއާ ދެކޮޅަށް އދ. ން އުފައްދާފައިވާ މިޝަންގެ ވެރިޔާ އެންޓަނީ ބަންބެރީ ވެސް ވަނީ އެބޯލާއާ ދެކޮޅަށް ދުނިޔެ ކުރަމުންގެންދާ ހަނގުރާމަ ކާމިޔާބު ކުރުންއޮތީ ވަރަށް ދުރުގައި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އޭނާވަނީ އެބޯލާގެ ސަބަބުން އެކަހެރިވެ ނިކަމެތިވެފައިވާ ހުޅނގު އެފްރިކާގެ ތިން ގައުމު ކަމަށްވާ ލައިބީރިޔާ، ގިނީ އަދި ސީރަލިޔޯން އަށް އިތުރު އެހީތައް ދިނުމަށް ގޮވާލައްވާފަ އެވެ.

އެބޯލާ ވައިރަސްއާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނުގައި އެބޯލާގެ ސަބަބުން އެކަހެރިވެފައިވާ ގައުމުތަކުގެ އެކަހެރިކަން ކުޑަކުރުމަށްޓަކައި އެގައުުމުތަކާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ކުރިޔަށް ގެންދިޔުމަށް ދުނިޔޭގެ ގައުމުތަކަށް އިލްތިމާސް ކޮށްފައިވެ އެވެ. މިގަރާރު ފާސްކޮށްފައި ވަނީ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެންބަރުންގެ އިއްތިފާގުންނެވެ. (ރޮއިޓާސް)